މެންބަރު ހުސައިން މުހައްމަދު ލަތީފް

ހުސައިންގެ ހިދުމަތުގެ އަގުވަޒަންކޮށްފި

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ރައްޔިތުންގެ މަޖިލީހަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށްފި އެވެ.

މަޖިލީހުގައި އިއްޔެ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އިންތިޒާމުކޮށް ހުސައިންގެ ހިދުމަތުގެ އަގުވަޒަން ކުރީ މަޖިލީހުގެ އެކިއެކި ހަރަކާތްތައް އިންތިޒާމުކުރުމަށް އޮންނަ ސޯޝަލް ކްލަބް -- "ޕެމާ" އިންނެވެ.

މިރަސްމިއްޔާތުގައި ޕެމާ އިން ވަނީ އެ ކުލަބްގެ މަސައްކަތްތަކަށް ހުސައިން ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާ ހަނދާނީ ފިލައެއް އަރުވާފަ އެވެ.

މިރަސްމިއްޔާތުގައި ހުސައިން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެމަނިކުފާނުގެ ޒިންމާ އޮތީ މަގާމުގެ ގޮތުން މުޅި ގައުމަށް ހިދުމަތް ކުރަންޖެހޭ ފަދަ ގޮތަކަށް ކަމަށެވެ. ނަމަވެސް މަޖިލީހުން އެދޭ ކަންކަމުގައި އެއީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކެވަަޑައިގެން އެކަމެއް ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

ހުސައިން މުހައްމަދު ލަތީފް މަޖިލިސް މެންބަރު ކަމަށް އެންމެ ފުރަތަމަ އިންތިހާބުވީ ނިމިގެން ދިޔަ 18 ވަނަ މަޖިލީހުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ކަމަށެވެ. އަދި ހިނގަމުން މިދާ 19 މަޖިލީހަށްވެސް އެމަނިކުފާނު އިންތިހާބުވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ކަމަށެވެ.

ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމުގެ ހުވާ ކުރިއަށް އޮތް ނޮވެމްބަރު 17 ވަނަ ދުވަހު ކުރެއްވުމާ އެކު މަޖިލީހުގެ މިދައުރު ނިމެންދެން ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ހުންނާނީ ހުހަށެވެ.