މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ދިއްދޫގައި އިމާރާތްކުރާ 75 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި

ހއ. ދިއްދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 75 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި އެވެ.

ދިއްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅައިދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް އާއި ދިއްދޫ ކައުންސިލް މެމްބަރުން އަދި މި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރު އެސްޖޭ ކުންފުނީގެ ހާއްސަ މަންދޫބެކެވެ.

އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ އޮގަސްޓް 10 ވަނަ ދުވަހު އެވެ.

މި މަޝްރޫއު ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫއުގެ އަގަކީ 120.4 މިލިއަން ރުފިޔާ އެވެ.

ދިއްދޫގައި އަޅަން ހަމަޖެހިފައިވަނީ ދެ ބުރިއަށް އިމާރާތް ކުރާ 700 އަކަފޫޓުގެ 75 ރޯހައުސް އެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ.

ސަރުކާރުން ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫގެ އިތުރުން 12 ރަށެއް ހިމެނެ އެވެ.