އެމްޓީސީސީ

ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުން: 65 ފަސެންޓް ނިމިއްޖެ

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 65 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 7,750 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވެ އެވެ. އަދި ޖިއޯ ބޭގްސް އަށް އެޅުމަށް 1,926 ކިއުބިކް މީޓަރުގެ ވެލި ވެސް ބޭނުން ކޮށްފައިވެ އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫގެ ދަށުން ރަށްގިރުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މި މަޝްރޫއަކީ 10.02 މިލިއަން ރުފިޔާގެ މަޝްރޫ އެކެވެ.

ސަރުކާރުގެ އެންމެ ގިނަ މަޝްރޫއު ހިންގާ، އެމްޓީސީސީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ދެވަނަ ކުއާޓަރުގެ ނިޔަލަށް 86 މަޝްރޫއެއް އެ ކުންފުނިން ދަނީ ހިންގަމުންނެވެ.

އެމްޓީސީސީން 41 ބަނދަރެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އެބަދެ އެވެ. މީގެ އިތުރުން ބިން ހިއްކުމުގެ 15 މަޝްރޫއަކާއި، ތޮށިލުމުގެ 11 މަޝްރޫއެއް އަދި މަގު ހެދުމުގެ 10 މަޝްރޫއެއްގެ އިތުުރުން ދެ އެއާޕޯޓެއްގެ މަސައްކަތް ވެސް ހިމެނޭ އިރު ދެ އިމާރާތެއްގެ މަސައްކަތާއި އެހެނިހެން ދެ މަސައްކަތަކާއި ޕޯޓު ހެދުމުގެ މަޝްރޫއަކާއި ނަރުދަމާގެ މަޝްރޫއެއް ވެސް ހިމެނެ އެވެ.