ބަނދަރު ޕްރޮޖެކްޓް

ދިއްދޫ ބަނދަރު ހެދުން އެމްޓީސީސީއަށް

ހއ. ދިއްދޫ ބަނދަރާއި ޖެޓީ ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކޮށްފި އެވެ.

މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލު ކުރަން ވި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން އެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން 78،000 ކިއުބިކް ސަރަހައްދެއްގައި ބަނދަރު ފުން ކުރުމާއެކު 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލައި 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލައި 4320 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ. އަދި ބަނދަރު ބައްތި ހަރު ކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

މިއީ 69.87 މިލިއަން ރުފިޔާގެ ދެ މަސައްކަތެކެވެ. މި ދެ މަސައްކަތް ވެސް އަހަރު ދުވަސްތެރޭ ނިންމައި ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ.