ޑިޒްނީ އިން "ޕްރިންސަސް ޑައަރީޒް"ގެ ތިންވަނަ ފިލްމް ހެދުމަށް ތައްޔާރުވާ ކަމަށް ހޮލީވުޑް ރިޕޯޓާއިން ބުނެފި އެވެ.
މި ފިލްމްގެ ސްކްރިޕްޓް ލިޔަމުންދަނީ އާދްރިތާ މުކަރްޖީ އެވެ. މީނާއަކީ "ސުޕާގާލް" އާއި "ރީޗާ" ފަދަ ޝޯތަކުގައި މަސައްކަތްކޮށްފައިވާ ލިޔުންތެރިޔެކެވެ.
މަސްދަރެއް ބުނިގޮތުގައި މި ފިލްމަކީ ރީބޫޓެއްގެ ބަދަލުގައި އޭން ހޭތަވޭ ކުޅުނު "ޕްރިންސަސް ޑައަރީޒް" އަދި "ޕްރިންސަސް ޑައަރީޒް: ދަ ރޯޔަލް އެންގޭޖްމަންޓް"ގެ ބައެކެވެ.
މިހާތަނަށް އޭން ހޭތަވޭ މި އާ ފިލްމަށް ކާސްޓްކޮށްފައެއް ނުވެ އެވެ. އޭން ވަނީ "ޕްރިންސަސް ޑައަރީޒް"ގެ ތިންވަނަ ފިލްމެއް ކުޅެން ފުރުސަތު ލިބިއްޖިއްޔާ، އެނާ އެ ފިލްމް ކުޅޭނެ ކަމަށް ބުނެފަ އެވެ.
"ޕްރިންސަސް ޑައަރީޒް"ގެ ދެ ފިލްމަކީ މެގް ކެބޮޓްގެ ވާހަކައަށް ކޮންމެވެސް ވަރަކަށް ބިނާކޮށްފައިވާ ދެ ފިލްމެވެ.
މި ފިލްމްގައި މިއާ ތާމަޕޮލިސް (އޭން ހޭތަވޭ) އަކީ ނާކާމިޔާބު ޒުވާނެކެވެ.
މިއާގެ ބައްޕަ ފަރާތުގެ މާމަ ކްލެރިސް ރިނާލްޑީ އެމެރިކާއަށް ޒިޔާރަތްކޮށްފައި ހާމަކުރަނީ މިއާ އަކީ ޔޫރަޕްގެ ޖެނޯވިއާ ކިޔާ ކުޑަ ރަސްކަމެއްގެ ފަރާތުން ރަސްކަން ވާރުތަކުރާ މީހެއް ކަމަށެވެ.
މި ފިލްމްގައި މިއާގެ މާމަގެ ރޯލް އަދާކޮށްފައިވަނީ ޖޫލީ އެންޑްރޫޒް އެވެ. ޖޫލީ އާއި އޭން އަކީ އޮސްކާ އެވޯޑާއި އެހެނިހެން އެވޯޑް ހާސިލްކޮށްފައިވާ ދެ ހުނަރުވެރި ތަރިންނެވެ. "ޕްރިންސަސް ޑައަރީޒް: ދަ ރޯޔަލް އެންގޭޖްމަންޓް"ގައި މިއާގެ ލޯބިވެރިޔާގެ ރޯލް އަދާކޮށްފައިވަނީ ކްރިސް ޕައިން އެވެ.
2001 ގައި ނެރުނު "ޕްރިންސަސް ޑައަރީޒް" އާއި 2004 ގައި ނެރުނު "ޕްރިންސަސް ޑައަރީޒް: ދަ ރޯޔަލް އެންގޭޖްމަންޓް" ވަނީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. މިގޮތުން ފުރަތަމަ ފިލްމަށް 165.3 މިލިއަން ޑޮލަރު ލިބިފައިވާއިރު، ދެވަނަ ފިލްމަށް ވަނީ 134.7 މިލިއަން ޑޮލަރު ލިބިފަ އެވެ.
މި ދެ ފިލްމްގެ ޑައިރެކްޓަރު ގެރީ މާޝަލް މިހާރު ވަނީ މަރުވެފަ އެވެ.