އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ހާއްސަކޮށްގެން "ވުނަދާނަ ފެސްޓިވަލް 2022"ގައި ނަމުގައި ފެސްޓިވަލެއް ބާއްވައިފި އެވެ.
ހެދިގޮނޑުދޮށުގައި މިއަދު ކުރިއަށް ދިޔަ މި ފެސްޓިވަލަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް ޒިޔާރަތްކުރެއްވި އެެވެ.
މި ޒިޔާރަތުގައި އެކަމަނާ ވަނީ މި ފެސްޓިވަލްގައި ބަހައްޓާފައި ހުރި އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނާ ބެހޭގޮތުން މައުލޫމާތު ހޯއްދަވާފަ އެވެ.
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ވައުދެކެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ކުރިއަށް ގެންދިޔަ މި ފެސްޓިވަލްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ޖުމްލަ 60 ވިޔަފާރިއެއް ބައިވެރިވި އެވެ. މިއީ އެފަދަ ވިޔަފާރިތައް ކުރިއަރުވައި އެތަންތަނުގެ އުފެއްދުންތައް މާކެޓްކުރުމަށް ފަހިވެގެންދާ މުހިންމު ފުރުސަތެއް ކަމަށް ބީސީސީން ބުނެ އެވެ.
މި ފެސްޓިވަލްގައި ދަޢުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން ވެސް ބައިވެރިވެ އެތަންތަނުން ފޯރުކޮށްދޭ ވިޔަފާރިއާ ގުޅުންހުރި ހިދުމަތްތަކާ ފުރުސަތުތަކުގެ މައުލޫމާތު ދީފައިވެ އެވެ.