ބޮލީވުޑް

ތަރިންގެ "މެޗްމޭކާ"އެއްގެ ރޯލުން ހިތްހަމަޖެހުން ލިބޭ: ކަރަން

ބޮލީވުޑް ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އަކީ އެ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންގެ މެޗްމޭކާ އެއް ކަމަށް ހުދު އޭނާ ވެސް ގަބޫލު ކުރެ އެވެ. ކަރަން ބުނާ ގޮތުގައި ފިލްމު އިންޑަސްޓްރީގެ ގިނަ އެކްޓަރުންނެއްގެ "ކިއުޕިޑް"ގެ ރޯލު އޭނާ ކުޅެފައި ވެއެވެ.

އެގޮތުން ބަތަލާ ވިދްޔާ ބާލަން އާއި އޭނާގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ސިދާރްތު ރޯއި ކަޕޫރުގެ މެދުގައި ލޯބީގެ ހުޅުކޮޅު ފެޅުވީ ވެސް އޭނާގެ މަސައްކަތުން ކަމަށް ވަރަށް ފަހުރުވެރިކަމާއެކު ކަރަން ބުނެ އެވެ.

"އަހަރެން އެފަދަ ޒިންމާތައް ނަގަނީ އެއީ އަހަރެން ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއްކަމަށް ގަބޫލުކޮށްގެން. އެގޮތަށް ދެ މީހަކު ގުޅުވައިދެވުމުން އަހަންނަށް ވަރަށް ބޮޑު އުފަލެއް އިހްސާސް ކުރެވޭ. އެއީ އަހަރެންގެ ހަޔާތުގެ އެއް އެޖެންޑާގެ ގޮތުގައި އަހަރެން ގަބޫލުކުރަން،" ޓްވިންކަލް ކަންނާގެ ޗެޓް ޝޯގައި ބައިވެރިވެ ވާހަކަ ދައްކަމުން ކަރަން ބުނެފައި ވެއެވެ.

ކަރަން ބުނި ގޮތުގައި ވިދްޔާ އާއި ސިދާރްތުގެ ކައިވެންޏަށް 12 އަހަރު ފުރުން ފާހަގަކުރި ދުވަހުވެސް ވިދްޔާ އޭނާއަށް ގުޅި އެވެ. އެ ދެ މީހުން އެކަކު އަނެކަކަށް ތައާރަފު ކޮށްދިނީ އޭނާ ކަމަށް ވާތީ ވިދްޔާގެ ކޯލުން އޭނާއަށް ހިތްހަމަޖެހުން ލިބުނުކަމަށް ކަރަން ބުންޏެވެ. އަދި މިއީ އޭނާ އުފައްދާ ފިލްމަކަށް ލިބޭ ފީޑްބެކްއަކަށް ވުރެ އޭނާއަށް މާ އަސަރުކުރި ކޯލެއް ކަމަށް ކަރަން ބުންޏެވެ.

މި ފަހަކަށް އައިސް އޭނާ މިގޮތަށް ގުޅުވި ލޯބީގެ ޖޯޑުތަކުގެ ތަފްސީލު ދޭން ޓްވިންކަލް އެދުމުން ކަރަން އެ ތަފްސީލުތައް ދޭން ވަނީ ދެކޮޅު ހަދާފަ އެވެ.

"އަހަންނަކަށް ހިއެއް ނުވޭ އެމީހުން އެހާ ސިއްރުކޮށްގެން އެކަންތައްތައް އުޅޭއިރު އަހަރެން އެ ވާހަކަތައް ހާމަކުރުމަކީ އެމީހުން ހިތްހަމަޖެހޭނެ ކަމެއް ހެނެއް. އެހެންވެ އެ ސިއްރުތައް އަހަރެން ފޮރުވައިގެން ހުރުން ރަނގަޅުވާނީ،" ކަރަން ބުންޏެވެ.

ކަރަންގެ މެޗްމޭކިން ޓެކްނިކުން އެންމެ ފަހުން ގުޅުވި ތަރިންގެ ތެރޭގައި ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ އަދި އަދިތުޔާ ރޯއި ކަޕޫރާއި އަނަންޔާ ޕާންޑޭ ހިމެނޭ ކަމަށް ބައެއް ޚަބަރުތައް ބުނެފައި ވެއެވެ. ނަމަވެސް މި ތަރިންގެ ނަންތައް ހާމަކުރަން ކަރަން ވަނީ ދެކޮޅުހަދާފަ އެވެ.

މިހާރު ކައިވެނިކޮށްފައިވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ޖޯޑަކީ ވެސް ކަރަން ގުޅުވައިދިން ޖޯޑެކެވެ. އަދި ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ގުޅުމުގައި ވެސް ކަރަންގެ އަތެއް ވާކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އުމުރުން 50 އަހަރު ފުރުނުއިރުވެސް ކަރަންގެ ހަޔާތަކަށް ވެސް މީހަކު ނާންނަކަމަށް އޭނާ އެއްބަސްވި އެވެ.

ކަރަން ބުނި ގޮތުގައި އޭނާ ސަރަގޭޓް މަންމައެއްގެ ފަރާތުން ހޯދި ދެ ދަރިންނާއި އޭނާގެ މަންމަ ފިޔަވައި އިތުރު މީހަކު އޭނާގެ ހަޔާތަށް ގެނައުމުގެ ވިސްނުމެއް ނެތެވެ.

ކަރަން އެކޭ އެއްފަދައިން އޭނާގެ ބައްޕައަކީ ވެސް ކުރީ ޒަމާނުގެ ތަރިންގެ މެޗްމޭކާއެއްގެ ގޮތުގައި މަސައްކަތްކުރި މީހެއް ކަމަށް ވެސް ކަރަން ބުނެފައި ވެއެވެ.

"ވަހީދާ ރަހްމާން އާއި ކަމަލްޖީތުގެ 'ކިއުޕިޑެއް'ގެ ބައި ކުޅުނީ އަހަރެންގެ ބައްޕަ،" ކަރަން ބުންޏެވެ.

ކަމަލްޖީތު އާއި ވަހީދާ ރަހްމާން ކައިވެނިކުރީ 1974 ވަނަ އަހަރު އެވެ. ދެ މީހުން ފުރަތަމަ ބައްދަލުވީ 1964ގައި އެމީހުން ކުޅުނު "ޝަގުން"ގެ ސެޓުންނެވެ. އަދި ފިލްމު އުފެއްދުމުގެ މަރުހަލާގައި ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވެ ކައިވެނި ކުރީ އެވެ. މި ކައިވެންޏަށް ދެދަރިން ލިބިފައި ވެއެވެ. ސޮހައިލް ރެކީ އާއި ކަޝްވީ ރެކީ އެވެ. ދެ މީހުންނަކީ ވެސް ދެ ލިޔުންތެރިންނެވެ.