ލައިފްސްޓައިލް

ޗައިނާގެ ގާތިލަކު 29 އަހަރުން ފަހުން އަތުލިއިރު މިލިއަނަރަކަށް

މީގެ 29 އަހަރު ކުރިން މީހަކު މަރާފައި ފިލައިގެން އުޅުނު ޗައިނާ މީހަކު އެ ގައުމުގެ ފުލުހުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފި އެވެ.

ޗައިނާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ދެކުނު ޗައިނާގެ ރަށެއްގައި މުޅިން އެހެން ނަމެއްގައި ދިރިއުޅެނިކޮށް ހައްޔަރުކުރި މި މީހާ އަކީ މިހާރު މިލިއަނަރެކެވެ.

ޒިއޮންގް ނަމަކަށް ކިޔާ މި މީހާ 1993 ގައި މީހަކާ ޖެހުނު މައްސަލައެއްގައި އެމީހާއަށް ވަޅިން ހަމަލަދީ މަރާލުމަށްފަހު ފިލީ އެވެ. އޭރުއްސުރެ ފާއިތުވީ 29 އަހަރު އެމީހާ އުޅެފައިވަނީ ފިލައިގެންނެވެ.

އެކި ފަހަރު އެކި ރަށުގެ އެކި މީހުންގެ ނަމުގައި މި މީހާ ދިރިއުޅެފައިވާ ކަމަށް ޗައިނާ ފުލުހުން ބުނެފައި ވެއެވެ.

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ޒިއަންގްޔަންގް ސިޓީގެ ފުލުހުން މި މީހާ ހައްޔަރުކުރީ އޭނާ ހޯދުމަށް 1200 މޭލު ދަތުރު ކޮށްގެންނެވެ.

ހައްޔަރުކުރިއިރު އެމީހާ ދިރިއުޅެމުން ދިޔައީ ދުވަސްވީ މަންމައާއެކު ވަރަށް ދުރު ރަށެއްގައި ހުރި ގެއެއްގަ އެވެ.

ޕެންޑެމިކްގެ ކަންތައްތަކުގައި އެހީތެރިއެއްގެ ގޮތުގައި އޭނާ ދިޔައީ މަސައްކަތް ވެސް ކުރަމުންނެވެ.

މީހަކު މަރާލާފައި ފިލިތާ 29 އަހަރުވީއިރު ޒިއޮންގް ވަނީ އާދައިގެ މަސައްކަތު މީހަކުން މިލިއަނަރު ބޮސް އަކަށް ވެފަ އެވެ.

ކުޑަ ކުޑަ ގެއެއްގައި ދިރިއުޅުނު ޒިއޮންގް މިހާރު ދިރިއުޅެނީ ލަގްޒަރީ ފްލެޓެއްގަ އެވެ. ނަމަވެސް އޭނާއަށް މި ދުވަސްތަކުގެ ތެރޭގައި އެހާ ބޮޑު މުއްސަނދިކަމެއް ލިބުނު ގޮތެއް ޒިއޮންގް އަދި ކިޔައިދީފައި ނުވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

"ކަލޭ ކުރި ކަންތަކުގެ ހައްގު އަދަބު ލިބޭނެ ވަގުތު ޖެހިއްޖެ،" ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯއެއްގައި ޒިއޮންގް ހައްޔަރުކޮށްގެން ގެއިން ނެރުނު ވަގުތު ޕޮލިސް އޮފިސަރަކު އޭނާއާ ދިމާލަށް ބުނާ އަޑު އިވެ އެވެ.