މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުވާތަކެތީގެ 2،681 މައްސަލަ ޕީޖީއަށް

ދިވެހި ފުލުހުން ފާއިތުވި ހަތަރު އަހަރު ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރި މަސައްކަތުން 6000 އަށް ވުރެ ގިނަ މައްސަލަ ތަހުގީގިކޮށް 2،500 އަށް ވުރެ ގިނަ މައްސަލަ ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ޖުމުލަ 6،165 މައްސަލައެއް ތަހުގީގުކޮށްފައިވާއިރު ޖުމުލަ 2،681 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ.

ޕީޖީއަށް ފޮނުވި މައްސަލަތަކުގެ ތަފްސީލް

2019 ވަނަ އަހަރު ޖުމުލަ 2،186 މައްސަލަ ފުލުހުން ތަހުގީގުކޮށްފައިވާއިރު ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވަނީ 886 މައްސަލަ އެވެ. ޖެހިގެން އައި 2020 ވަނަ އަހަރު 1،426 މައްސަލަ ތަހުގީގުކޮށްފައިވާއިރު ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 739 މައްސަލަ އެވެ. ނިމިގެން ދިޔަ 2021 ވަނަ އަހަރު ޖުމުލަ 1،439 މައްސަލައެއް ބަލައި 598 މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވަނީ 458 މައްސަލަ އެވެ. މިއީ މިއަހަރު ފުލުހުން ތަހުގީގުކުރި މަސްތުވާތަކެތީގެ 1،114 މައްސަލައިގެ ތެރެއިން ޕީޖީއަށް ފޮނުވި މައްސަލަތަކެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި ހަތަރު އަހަރު ޖުމުލަ 562 އޮޕަރޭޝަނެއް ހިންގާފައިވެ އެވެ. އެގޮތުން މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކުގައި 11،955 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި 1.6 ޓަނުގެ މަސަތުވާތަކެތި ވަނީ އަތުލައިގަނެފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި 10،497 ދިވެހިންނާއި، 781 ބިދޭސީން ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 416 އަންހެނުންނާއި 18 އަހަރުން ދަށުގެ 261 ކުދިންނާއި 11,278 ފިރިހެނުންނެވެ.

ފުލުހުން ހިންގި އެކިއެކި އޮޕަރޭޝަން ތަކުގައި ޖުމުލަ 39،679 ބަނގުރާ އަޅާފައިވާ ތަކެތި ވަނީ އަތުލައިގަނެފަ އެވެ. މީގެތެރެއިން އެންމެ ގިނައިން އަތުލައިގަނެފައިވަނީ ބިޔަރު ދަޅާއި ބްރޭންޑެޑް ރާ ފުޅި އެވެ.