ރާއްޖެ މަގުން އިނގިރޭސިވިލާތަށް ޑްރަގްސް ގެންދަން އުޅުނު މެލޭޝިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ މެލޭޝިއާ ދެ މީހުންނަކީ އިނގިރޭސިވިލާތަށް މަސްތުވާތަކެތި ގެންދަން އުޅުނު ދެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރީ ބުރާސްފަތި ދުވަހު މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މެލޭޝިއާ ދެ މީހުންނަކީ އެން ޖީ ތަމް ލިޕް (44 އ) އާއި، ކޯ ހުއާން ބޫން (41 އ) ކިޔާ މީހެކެވެ.
މި ދެ މީހުންގެ ތެރެއިން އެން ޖީ ތަމް ލިޕް އަކީ މިދިޔަ ޖުލައި މަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މީހާ އެވެ. ހުއާން ބޫން އަކީ ތަމް ލިޕް ރާއްޖެ އައުމުގެ އެއް ދުވަސް ކުރި ރާއްޖެ އައި މީހެކެވެ. ހުއާން ބޫންގެ މައިގަނޑު މަސައްކަތަކަށް ވެފައި އޮތީ ތަމް ލިޕް ރާއްޖެ ގެނައި މަސްތުވާތަކެއްޗާ ހަވާލުވުމަށްފަހު އެ ތަކެތި ރާއްޖެއިން ބޭރުކުރުމެވެ.
މީގެއިތުރުން ތަމް ލިޕް ރާއްޖެ އައިސް ހުއާން ބޫންއާ އެކު މާލޭގެ ހޮޓަލެއްގައި ހުރުމަށް ހުއާން ބޫން ވަނީ ރިޒަވޭޝަން ހަދައިދީފައިވެ އެވެ.
ފުލުހުން މީގެކުރިން ބުނި ގޮތުގައި އެން ޖީ ތަމް ލިޕް ބެންކޮކުން ފުރައިގެން ދުބާއީ މަގުން ރާއްޖެ އައީ އެމިރޭޓްސްގެ ފްލައިޓެއްގައެވެ. އެން ޖީ ތަމް ލިޕް އާއި، ކޯ ހުއާން ބޫން ހިމެނޭހެން ހަތް މީހުންގެ ވީޗެޓް ގްރޫޕެއް ހަދައި މުއާމަލާތު ކޮށްފައިވާ ކަން މައްސަލައިގެ ތަހުގީގުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ ދެ މީހުންނަކީވެސް އެކި ގައުމުތަކަށް މަސްތުވާތަކެތި ގެންދިއުމުގައި އިސް ދައުރެއް އަދާ ކުރާ ދެ މީހުން ކަމަށެވެ. އެހެންވެ މިމައްސަލައާ ގުޅުންހުރި މީހުން ނިސްބަތްވާ ގައުމުތަކުގެ ފުލުހުންނާއި އިންޓަޕޯލްއާ ހިއްސާކުރަންޖެހޭ މައުލޫމާތު ހިއްސާކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މިމައްސަލައާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މީގެކުރިން ހާމަކުރި މައުލޫމާތަށް ބަލާއިރު އެން ޖީ ތަމް ލިޕް ރާއްޖެ ގެނައި ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު 13.5 ކިލޯގެ ކެނަބިސް ފެނިފައިވެ އެވެ. އަދި އެން ޖީ ތަމް ލިޕް ވަނީ އޭނާގެ ދަތުރު ރޭވިފައި އޮތް ގޮތް އޮޅުވާލުމުގެ ގޮތުން ފޭކް ޓިކެޓެއް ހަދާފައި ކަސްޓަމްސް އިން ކުރިން ބުނެފައިވެ އެވެ.