ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައި ހުއްޓާ މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި ހައްޔަރުކުރި އިބްރާހީމް ޒާއިދު ހަބީބުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓް، ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް އަދި ފޮރެންސިކް ފުލުހުން ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވަނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ.
އެ މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި ހައްޔަރު ކުރި ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބުގެ ބަންދަށް އިއްޔެ ވަނީ އަނެއްކާވެސް އިތުރު 10 ދުވަސް ޖަހާފަ އެވެ. އިއްޔެގެ ކުރިން އެންމެ ފަހުން ޖެހީވެސް 10 ދުވަހެވެ. އޭގެ ކުރިން ދެތިން ފަހަރު މަތިން އޭނާގެ ބަންދު އިތުކޮށްފައިވެ އެވެ. މީގެ ތެރެއިން ބައެއް ފަހަރު 15 ދުވަސް، 10 ދުވަސް އަދި ފަސް ދުވަސްވެސް ޖަހާފައިވެ އެވެ. އެންމެ ފަހުން ބަންދު މުއްދަތު ޖެހިއިރު ޑިއުޓީ ޕްރޮސިކިއުޝަންގައި މައްސަލަ އޮތް ނަމަވެސް މިހާރު ވަނީ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
އިބްރާހީމް ޒައިދު ހަބީބުއާ އެކު މި ފަހަރު ޖުމްލަ ހަތަރު މީހުން ހައްޔަރުކުރި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މީގެތެރޭގައި އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެ އެވެ. އެ ކުއްޖާ ކޯޓުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައި ކަމަށް އެނގިފައިވެ އެވެ.
މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކުރި އެ ބޮޑު އޮޕަރޭޝަނުގައި އަތުލައިގަތް 100 ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިން ހިމެނެ އެވެ. އަދި އެތަކެއްޗާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި އިބްރާހީމް ޒައިދު ހަބީބު ހިމެނޭހެން 10 މީހަކު އޭރު ހައްޔަރުކުރި އެވެ. އެއީ 2021 ވަނަ އަހަރު އެވެ. މި މައްސަލައިގައި ހިމެނޭ އެހެން މީހަކުވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވެ އެވެ.
ސަތޭކަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކުރިން ޒައިދު ހައްޔަރުކޮށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލި އެވެ. އޭރު އިބްރާހީމް ޒާއިދު ހަބީބު ބަންދު ކުރި ނަމަވެސް އޭނާ ފަހުން ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ އެއްވެސް ހެއްކެއް ނެތުމުން ކަމަށް ބުނެ އެވެ.