ނިރުފެހިގެ އަލިފާން

އަލިފާނުގައި މަރުވި އިންޑިއާ ފަސް މީހެއްގެ ހަށިގަނޑު ފޮނުވާލައިފި

މ. ނިރުފެހިގޭގައި ހިނިގި އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ ތެރެއިން އިންޑިއާއަށް ނިސްބަތްވާ އިތުރު 5 މީހެއްގެ ހަށިގަނޑު އެ ގައުމަށް ފޮނުވާލައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފައިވަނީ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާ 8 މީހުންގެ ހަށިގަނޑު އެ ގައުމަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 3 އަންހެނުންނާއި 5 ފިރިހެނުންނެވެ.

އިންޑިއާގެ 8 މީހުންގެ އިތުރުން މި ހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ދެ މީހެކެވެ.

އަލިފާނުގެ ފިހުނު އިތުރު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެވެމުންދާއިރު އޭނާގެ ހާލު ރަނގަޅު ނޫން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު އަދިވެސް ހާމަކޮށްފައި ނުވާއިރު އަލިފާން ރޯވި ތަނުގައި ގޭސް ހުރި ކަމާއި އެއްޗެއް ގޮވި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ނިރުފެހިގެ ސާފުކުރަމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ މީހެއްގެ ފައެއް ވެސް ފެނިފަ އެވެ.

މި ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށާއި މަރުވި މީހުންގެ އާއިލާތަކަށް އެހީވުމުގެ ގޮތުން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އިން ވަނީ ފަންޑްރައިޒްކޮށްގެން ދެ ލައްކަ ރުފިޔާ އެއްކޮށްފަ އެވެ.