މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން އައިޖީއެމްއެޗްގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ މީހާ ވޯޑަށް ބަދަލުކޮށްފި އެވެ.
މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ހާދިސާގައި ފިހިގެން ފަރުވާދެމުން އަންނަނީ ބަންގްލަދޭޝްގެ ފިރިހެނަކަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަވަސް އަށް ވިދާޅުވީ ފިހިގެން ގެނައި މީހާގެ ހާލު ރަނގަޅުވުމާއި އެކު އޭނާ ވޯޑަށް ބަދަލުކުރެވިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލު ހާމައެއް ނުކުރެ އެވެ.
ނިރުފެހިގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވި އެވެ. އެއީ އިންޑިއާގެ ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން އިންޑިއާގެ ފަސް ފިރިހެނުންނާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ.
މަރުވި އެންމެންގެ ހަށިގަނޑު މިހާރު ވަނީ އެމީހުންގެ ގައުމަށް ފޮނުވާލާފަ އެވެ.
ނިރުފެހިގޭގެ ތިރީގައި ގަރާޖެއް ހުންނައިރު ގަރާޖު މަތީގައި ޑެކް އަޅައިގެން ބައެއް ހަދާފައި ހުއްޓެވެ. ފުލުހުން ބުނި ގޮތުގައި ނިރުފެހިގެ އެތެރެ ހަދާފައި ހުރީ ފިލައިން ނެވެ. އެއް ފްލޯގައި ހަތަރު ކޮޓަރި ހުރިއިރު އަނެއް ފްލޯގައި އަށް ކޮޓަރި ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަލިފާނުގެ ހާދިސާގައި ނުވަ މީހެއްގެ ހަށިގަނޑު އަލިފާން ރޯވި ގެއިން ވަނީ ނެރެފަ އެވެ. އިތުރު މީހަކު މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މި ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށާއި މަރުވި މީހުންގެ އާއިލާތަކަށް އެހީވުމުގެ ގޮތުން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އިން ވަނީ ފަންޑްރައިޒްކޮށްގެން ދެ ލައްކަ ރުފިޔާ އެއްކޮށްފަ އެވެ.