މ. ނިރުފެހިގޭގައި ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެއްޗެއް ގޮވި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ އަލިފާނުގެ އެ ހާދިސާގައި ފުރަތަމަ ރޯވީ ގަރާޖުގައި ކަމަށެވެ. އެއްޗެއް ގޮވުމުގެ ސަބަބުން ދޮޅު މިނެޓުގެ ތެރޭގައި މުޅި ގޭގައި ހުޅު ހިފި ކަމަށެވެ.
ސާމިހް ވިދާޅުވި ގޮތުގައި އެ ގަރާޖަކީ ހުޅުމާލޭގައި ހިންގަން ހުއްދަ ދީފައިވާ ތަނެކެވެ. އެތަން ހިންގަނީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވި އެވެ.
އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނި ގޮތުގައި ނިރުފެހިގެ އެތެރެ ހަދާފައި ހުރީ ފިލައިން ނެވެ. އެއް ފްލޯގައި ހަތަރު ކޮޓަރި ހުރިއިރު އަނެއް ފްލޯގައި އަށް ކޮޓަރި ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވި އެވެ. އަލިފާނުގެ ހާދިސާގައި މަރުވީ އިންޑިއާގެ ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން އިންޑިއާގެ ފަސް ފިރިހެނުންނާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ.
އަލިފާނުގެ ހާދިސާގައި ނުވަ މީހެއްގެ ހަށިގަނޑު އަލިފާން ރޯވި ގެއިން ވަނީ ނެރެފަ އެވެ. އިތުރު މީހަކު މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ގަރާޖު މަތީގައި ޑެކް އަޅައިގެން ހަދާފައިވާ ބައިގައި ކޮޓަރިތަކެއް ހުންނައިރު އެތަންތަން ބޭނުންކުރަނީ ވަކިވަކި ގޭބިސީތަކެއްގެ ގޮތުގައި ކަމަށް އަލިފާނުގެ ހާދިސާ ހިނގި ދުވަހު އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.