އެޗްޑީސީ

ހުޅުމާލޭގައި ގަރާޖު ހެދުމަށް ދޫކުރާ ބިމަށް 200 ފޯމު ހުށަހަޅައިފި

މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ބޭނުންވާ މީހުންނަށް އެޗްޑީސީގެ ފަރާތުން ހުޅުމާލެއިން ދޫކުރާ 23 ބިމަށް 200 އެއްހާ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އެޗްޑީސީން ގަރާޖް ހިންގާ މީހުންނަށް ހުޅުމާލެއިން ބިން ދޫކުރަން ނިންމީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ. ގަރާޖު ހެދުމަށް ހުޅުމާލެއިން ބިން ދޫކުރުމަށް ނިންމީ މ. ނިރުފެހިގޭގެ ތިރީގައި ހިންގަމުން ދިޔަ ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާ އައި ގުޅިގެންނެވެ. މި ހާދިސާގައި 10 މީހުން މަރުވިއެވެ.

ހުޅުމާލެއިން ގަރާޖު ހެދުމަށް ދޫކުރާ 23 ބިމަށް 200 ފަރާތަކުން ކުރިމަތިލާފައިވާ އިރު، މިހާރު ކުރިއަށް ދަނީ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކަމަށް އެޗްޑީސީ އިން މައުލޫމާތު ދެއެވެ.

އެޗްޑީސީ އިން ބުނީ ބިންތައް ހަވާލު ކުރެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ މާޗު މަހުގެ ތެރޭގައި ކަމަށެވެ. އަދި ބިންތަކަށް ކުރިމަތިލާފައިވާ މީހުންގެ އަދަދު ގިނަ ކަމުން ފޯމުތައް ޕްރޮސެސް ކުރަން ދުވަސް ކޮޅެއް ނަގާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ގަރާޖުތަކަށް ހުޅުމާލެ އިން ލިބޭ ބިމުގެ ބޮޑުމިން ކަނޑައަޅައި، އެކަމާ ގުޅޭ މިންގަނޑެއްވެސް އެޗްޑީސީން ވަނީ އާންމު ކޮށްފަ އެވެ.

އެގޮތުން މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން 1000 އަކަފޫޓަށް ވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެ އިން ލިބޭނީ 1000 އަކަފޫޓުގެ ބިމެކެވެ. އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް ދެ ފަންގި ފިލާއަށް އިމާރާތް ކުރުމުށް ހުއްދަ ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

މިހާރު މާލޭގައި ހިންގަމުންދާ ގަރާޖުތަކަކީ ކުޑަ ތަންތަން ކޮޅުގައި އާންމު ރައްޔިތުން ދިރިއުޅޭ ގެތަކުގައި ހިންގަމުންދާ ތަންތަނެވެ. މިފަދަ ގަރާޖުތަކުގައި ވެލްޑިން ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަން ކުރެ އެވެ. އަދި ތަފާތު ކެމިކަލްތަށް ބޭނުންކުރުމުން ނުރައްކާތެރި ހާދިސާތައް މާލޭގައި ދަނީ ހިނގަމުންނެވެ.