އެމެޒޯންގެ ވެރިޔާ އަދި މަހުޖަނު ޖެފް ބޭޒޯސް އޭނާގެ މިލްކިއްޔާތުގެ ބޮޑުބައި ޗެރިޓީތަކަށް ސޮދަގާތް ކުރާނެ ކަމަށް ބުނެފި އެވެ.
ޖެފް މިކަން އިއުލާންކޮށްފައި މިވަނީ އޭނާގެ ލޯބިވެރިޔާ ލޯރެން ސެންޗޭޒްއާ އެކު ސީއެންއެންއަށް ދިން އިންޓަވިއުއެއްގަ އެވެ.
އެކަމަކު އިންޓަވިއުގައި ޖެފްގެ ފައިސާ ދޭނީ ކާކަށް ކިހިނެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ބުނެފައިވަނީ އެކަމަށް ތައްޔާރުވާ ކަމަށެވެ.
ފޯބްސް މެގަޒިން އިން އަންދާޒާކުރާ ގޮތުގައި ޖެފްގެ މިލްކިއްޔާތުގައި 124.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
"މީގެ އެންމެ އުނދަގޫކަމަކީ އެކަން ކުރާނެ ގޮތް ހޯދުން. އެއީ ފަސޭހަ ކަމެއް ނޫން. އެމެޒޯން ބިނާކުރުމަކީވެސް ފަސޭހަކަމެއް ނޫން. އެކަން ކުރީ ވަރަށް ބުރަ މަސައްކަތާއި ވަރަށް ވިސްނުން ތޫނު ޓީމްމޭޓުންނާއެކު. އަހަރެންނާއި ލޯރެންއަށް ދޭހަވަނީ ފިލެންތްރޮޕީއަކީވެސް މިފަދަ ކަމެއްކަން. އެއީ ފަސޭހަކަމެއް ނޫން. ވަރަށް އުނދަގޫކަމެއް،" ޖެފް ބޭޒޯސް ބުނެފައިވެ އެވެ.
މީގެ ކުރިން "ގިވިން ޕްލެޖް"ގައި ޖެފް ސޮއި ނުކުރުމުން، ޖެފްއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންވެސް އަމާޒުވެފައެވެ.
"ގިވިން ޕްލެޖް" އަކީ ބިލިއަނަރުންނަށް އެމީހުންގެ މިލްކިއްޔާތުގެ ބޮޑުބައި ހަދިޔާކުރުމަށް ބާރުއެޅުމަށް ބިލް ގޭޓްސް އާއި މެލިންޑާ ފްރެންޗް ގޭޓްސް އާއި ވޮރަން ބުފެން ލޯންޗުކުރި ކެމްޕޭނެކެވެ.
ޖެފްގެ ކުރީގެ އަނބިމީހާ މެކެންޒީ ސްކޮޓް ގެންދަނީ 2019 ވަނަ އަހަރު މި ކެންޕޭނުގެ ޕްލެޖްގައި ސޮއިކޮށް، އެމެރިކާގެ ގިނަ ޗެރިޓީތަކަށް ހާމަކޮށާއި ސިއްރިއްޔާތުގައި ފައިސާ ހަދިޔާކުރަމުންނެވެ. މިގޮތުން ކަޅު ނަސްލުގެ މީހުން ކިޔަވާ ކޮލެޖްތަކަށާއި ޔުނިވާސިޓީތަކަށާއި އަންހެނުންގެ ހައްގުގައި މަސައްކަތްކުރާ ގްރޫޕްތަކުގެ އިތުރުން އެހެނިހެން ނޮން-ޕްރޮފިޓް ޖަމިއްޔާތަކަށް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 12 ބިލިއަނަށްވުރެއް ގިނަ ޑޮލަރު ހަދިޔާކޮށްފައިވެ އެވެ. ޖެފް އާއި މެކެންޒީ ވަރި ވެފައިވަނީ 2019 ވަނަ އަހަރު އެވެ.
ޖެފް މިދިޔަ އަހަރު އެމެޒޯންގެ ސީއީއޯ ކަމުން އިސްތިއުފާ ދިނުމަށްފަހު ބުނެފައިވަނީ ފިލެންތްރޮޕީއާއި އެހެނިހެން ބައެއް އިޖުތިމާއީ މަސައްކަތްތަކަށް މަސައްކަތް އަމާޒުކުރާނެ ކަމަށެވެ. މީގެތެރޭގައި ތިމާވެށްޓާ ގުޅުންހުރި މަޝްރޫއުތަކަށް 10 ބިލިއަން އޭނާގެ ބޭޒޯސް އާތް ފަންޑް އިނިޝިއޭޓިވް މެދުވެރިކޮށް ދޭނެ ކަމަށް ޖެފް ވައުދުވެފައިވެ އެވެ. ކްރޯނިކަލް އޮފް ފިލަންތްރޮޕީ އިން ބުނާ ގޮތުގައި ޖެފް މިދިޔަ އަހަރު 510.7 މިލިއަން ޗެރިޓީއަށް ހަދިޔާކޮށްފައިވެ އެވެ.