އިސްދޫ

އިސްދޫގައި ފަތުރުވެރިކަން ކުރިއަރުވަން މިނިސްޓްރީން އެހީވަނީ

ފަތުރުވެރިކަމަށް ބިން ކުއްޔަށް ދޫކުރުމުގައި ފަންނީ އެހީތެރިކަން ދިނުމާ ގުޅޭ ގޮތުން ލ. އިސްދޫ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

މި އެއްބަސްވުމަކީ އިސްދޫ ކައުންސިލުގެ އެދުމުގެ މަތިން ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ބޭނުމަކީ ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައެޅޭ ބިންތައް ބީލަމުގެ އުސޫލުން ކުއްޔަށް ދިނުމަށް ބޭނުންވާ އިއުލާނާއި، ބީލަން ފޮތާއި، އެވޯޑް ލެޓާ ތައްޔާރުކުރުމުގެ އިތުރުން އެއްބަސްވުން ތައްޔާރުކުރުމާއި، ބީލަމާއި ގުޅުންހުރި އެހެނިހެން ކަންކަން ކުރިއަށް ގެންދިއުމަށް މިނިސްޓްރީގެ ފަންނީ އެހީތެރިކަން ކައުންސިލަށް ފޯރުކޮށްދިނުމެވެ.

އިސްދޫ ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު އެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އިތުރު މައުލޫމާތު އަވަސްއާ ހިއްސާކުރައްމުން އިސްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ހަލީލް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކުރަން ހުރި މަސައްކަތްތަކުގެ އަމަލީ މަސައްކަތްތައް އެއްމަސް ދުވަހުގެ ފަހުން ފެށޭނެ ކަމަށެވެ. އަދި މި މަސައްކަތް ފެށުމުގެ ގޮތުން މިހާރު ވާނީ އިސްދޫއިން ބޮޑު ބިމެއް ކަނޑައަޅާފައި ކަމަށްވެސް ވިދާޅުވި އެވެ.

"އިސްދޫއަކީ ފަތުރުވެރިކަން އޮންނަ ތަނެކޭ ނުބެނެވޭނެ. އެކަމު ކުރިއެރުވިދާނެ ތަނެކޭ ބުނެވޭނެ. ސާފިން ޕޮއިންޓެއް އޮންނަ ރަަށެއް މިއީ. ތާރިހީ ގިނަ ބިނާތަކެއްވެސް އޮންނަ ރަށެއް މިއީ. ކަލްޗަރަލް ޓުއަރިޒަމަށް ޓާގެޓް ކޮށް މިރަށް ކުރިއެރުވޭނެ،" ހަލީލް ވިދާޅުވި އެވެ.

އިސްދޫގައި މިވަގުތު އަމިއްލަ ފަރާތަކުން 12 ރޫމްގެ ގެސްޓް ހައުސްއެއް އިމާރާތް ކުރަމުން އެބަދެ އެވެ. އިސްދޫގައި އަދި މިހާތަނަށް އެއްވެސް ގެސްޓްހައުސްއެއް ހިންގާފައެއް ނުވެ އެވެ.