ދުނިޔެ

ރަޝިއާ އާއެކު އެންމެ ގިނައިން ވިޔަފާރިކުރާ ތިންވަނަ ގައުމަކަށް އިންޑިއާ

ރަޝިއާއިން އެންމެ ގިނައިން ސާފުނުކުރާ ތެލާއި ގަސްކާނާ އަދި ކައްކަން ބޭނުންކުރާ ބޯޓުދެލި އެކްސްޕޯޓްކުރާ ތިންވަނަ ގައުމަކަށް އިންޑިއާ ވެއްޖެ އެވެ. އިންޑިއާގެ ކަސްޓަމުން ލިބެންހުރި ލިޔެކިޔުންތަކުން މިކަށް ވަނީ ކަށަވަރުކުރެވިފަ އެވެ.

ރަޝިއާ އާއެކު އެންމެ ގިނައިން ވިޔަފާރިކުރާ އަނެއް ދެ ގައުމަކީ ޗައިނާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.

ކަސްޓަމްސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ސެޕްޓެމްބަރުގައި އިންޑިއާއަށް 4.95 ބިލިއަން ޑޮލަރުގެ ތަކެތި ރަޝިއާއިން ވަނީ އެކްސްޕޯޓްކޮށްފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި މިއަދަދު އޮތީ އެއްބިލިއަންގަ އެވެ.

މިއަހަރުގެ އޭޕްރީލާއި ސެޕްޓެމްބަރާ ދެމެދު ފާއިތުވި ކުއާޓަރުގައި ރަޝިއާއިން އިންޑިއާއަށް ކުރި އެކްސްޕޯޓް 21.3 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. ފާއިތުވި އަހަރުގެ ހަމަ މި މުއްދަތުގައި އެ އަދަދު އޮތީ 4.1 ބިލިއަންގަ އެވެ.

އިންޑިއާ އަކީ ދުނިޔޭގެ ބާރުގަދަ ގައުމުތަކާ އެކު ހެޔޮ ވިޔަފާރިއެއް ކުރާ ގައުމެކެވެ. ވިޔަފާރީގެ ގޮތުން އިންޑިއާ ގުޅިފައި ހުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ޗައިނާ، ސައޫދީ އަރަބިއްޔާ އަދި ޔޫއޭއީ ހިމެނެ އެވެ.

އިންޑިއާ ބުނާ ގޮތުން ރަޝިއާ އަކީ ދެގޮތެއް ނުވެ އިންޑިއާ އާއެކު އޮންނަ ގައުމެކެވެ. އިގުތިސާދީ ގޮތުން އިންޑިއާއަށް ހީނަރުކަން އަންނަ ކޮންމެ ފަހަރަކު ވެސް ދިފާއުގައި ރަޝިއާ އޮވެ އެެވެ.

ދުނިޔެއަށް ފެތުރިގަތް ކޮވިޑްގައި ވެސް އިންޑިއާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ރަޝިއާއިން ކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ.

އަނެއްކޮޅުން ރަޝިއާ-ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ހަކަތަ ދަތިވެފައި އޮތް މި ދަނޑިވަޅުގައި ވެސް -- އިންޑިއާއަށް ޚާއްސަ ހެޔޮ އަގެއްގައ ރަޝިއާއިން ދަނީ ސާފުނުކުރާ ތެލާއި ގުދުރަތީ ގޭސް އަދި ގަސްކާނާ ސަޕްލައި ކުރަމުންނެވެ.

އަސްކަރީ ސިނާއަތަށް ބެލި ނަމަވެސް ރަޝިއާ އަކީ އިންޑިއާއަށް ވަރަށް އިތުބާރުކުރެވޭ ގައުމެކެވެ. އިންޑިއާގެ އަސްކަރިއްޔާ ޒަމާނަށް ފައްތައި މިސައިލުން ދިފާއުވުމަށް ޒަމާނީ ޓެކްނޮލޮޖީ ފޯރުކޮށް ދިނުމުގައި ވެސް ރަޝިއާ އޮތީ ތައްޔާރަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު މިދާކަށް ދުވަހު މޮސްކޯއަށް ކުރެއްވި ދަތުރުގައި ވެސް ދެ ގައުމު ވަނީ ހެޔޮ ގުޅުމެއްގައި ދެމިއޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. އިންޑިއާ ސަރުކާރުގެ ވެރިން އާންމު ތަންތަނުގައި ވެސް ރަޝިއާއަށް އިހުތިމާކޮށް ދިފާއުކުރެ އެވެ.