ބަޖެޓު 2023

160 މިލިއަން އިތުރުކޮށް ކޮމިޓީން ބަޖެޓް ފާސްކޮށްފި

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބަޖެޓް ފާސްކުރީ ބަޖެޓަށް އިތުރު 160 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހު އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.

އަންނަ އަހަރުގެ ބަޖެޓު ކޮމިޓީން ފާސްކުރީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ބަޖެޓް ފާސްކުރުމަށް ކޮމިޓީގެ ބައްދަލުވުން ފުރަތަމަ އެޖެންޑާ ކުރީ ރެއަށެވެ. ނަމަވެސް ކުއްލިއަކަށް މިއަދު މެންދުރުފަހަށް ބަޖެޓް ކޮމިޓީގެ ބައްދަލުވުން ފަސްކުރި ސަބަބެއް ކޮމިޓީން ބުނެފައެއް ނުވެ އެވެ.

ބަޖެޓް ކޮމިޓީ އެކުލެވިގެން ވަނީ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ ހުރިހާ މެންބަރުން ހިމެނޭ ގޮތަށެވެ.

ބަޖެޓް ކޮމިޓީން މިއަދު ބަޖެޓް ފާސްކުރި ނަމަވެސް ބަޖެޓާ މެދު ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ. ތަޅުމުން ގޮތެއް ނިންމާނީ ބަޖެޓް ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި އެ ރިޕޯޓަށް މެންބަރުން ބަހުސްކުުރުމަށްފަހު އިސްލާހެއް އޮތް ނަމަ އިސްލާހުތަކާ އެކު އެވެ.


އަންނަ އަހަރަށް ލަފާކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މި އަހަރަށް ފާސްކޮށްފައިވާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 5.8 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.

ބަޖެޓްގެ ޖުމްލަ އަދަދު ކިތަންމެ ބޮޑު ނަމަވެސް މި އަހަރުގެ ބަޖެޓު ޑެފިސިޓާ އަޅާ ބަލާއިރު އަންނަ އަހަރުގެ ބަޖެޓް ދަރަނި ކުޑަ އެވެ. އެގޮތުން މި އަހަރު ފާސްކޮށްފައި އޮތް ބަޖެޓަކީ 12.6 ބިލިޔަން ރުފިޔާ އިން ދަރަނި ބަޖެޓެއް ނަމަވެސް, އަންނަ އަހަރު އެ އަދަދު އުޅޭނީ 8 ބިލިއަން ރުފިޔާގަ އެވެ.

އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ 32.1 ބިލިއަން ރުފިޔާގެ އާމްދަނީގެ 73.3 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 7.7 ޕަސެންޓެވެ. އެހެންކަމުން އަންނަ އަހަރު ހިލޭ އެހީއާ ނުލައި އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 29.9 ބިލިޔަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ކޮވިޑް-19ގެ އިގުތިސާދީ ކާރިސާއާ އާއި ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑުވުމާއި ގުޅިގެން ދިމާވެފައިވާ ދަތިތައް ކުޑަކޮށް, ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް އަމާޒު ކޮށްގެން ހުށަހަޅާފައިވާ ބަޖެޓެވެ.