އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް 6.4 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނައިފި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބަޖެޓުގައި ކުރިން ފައިސާ ހިމަނާފައެއް ނުވެ އެވެ.
ބަޖެޓުގައި އަރަބިއްޔާގެ އާ އިމާރާތަށް ފައިސާ ހިމެނީ ބަޖެޓު ދިރާސާ ކުރި ކޮމިޓީން މިއަދު ބަޖެޓް ފާސްކުރުމަށް ބޭއްވި ބައްދަލުވުމުގަ އެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ސަރުކާރުން ނިންމާފައިވަނީ ބާ ޖަމާލުއްދީން ސްކޫލު ކުރިން ހިންގި ބިމުގަ އެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށާއި ޖަމާލުއްދީން ސްކޫލަށް ޖާގަ އިތުރުކުރުމަށް ހަދަން ނިންމާފައިވާ އިމާރާތް ހެދުމަށް އަމީން ކޮންސްޓްރަކްޝަނާ ސަރުކާރުން ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު 29 ވަނަ ދުވަހު އެވެ.
މި ދެ އިމާރާތުގެ މަސައްކަތް ނިންމަން އަމީންއަށް ދީފައިވަނީ 420 ދުވަހެވެ. ދައުލަތުގެ ބަޖެޓުން މި ދެ އިމާރާތް އެޅުމަށް 168 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ.
އަރަބިއްޔާގެ ދަރިވަރުން ފޮރިން މިނިސްޓްރީގެ ކުރީގެ ވަގުތީ އިމާރާތަށް ބަދަލުކޮށް މިއަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު ކިޔެވުން ފެށީ ވެސް އެ ކުދިން ކުރިން ކިޔަވަމުން ދިޔަ އަރަބިއްޔާ ސްކޫލު ހިންގި އިމާރާތްތަކުގައި ކިޔަވައިދިނުން ރައްކާތެރި ނޫން ކަމަށް ކަމާ ގުޅޭ ދިރާސާއަކުން ހާމަވުމުންނެވެ.