ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ އަށް ދިން ހަމަލާއާ އެކަމަނާގެ އާއިލާއާ ގުޅުވަނީ އަބުރު ކަތިލުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަހްލާ މިހެން ވިދާޅުވެފައި މިވަނީ އެކަމަނާއާއި ޝިމާޒުއާ ދެމެދު ހިޔާލުތަފާތުވުން އުފެދިފައި ވަނިކޮށް ރޭގެ ވަގުތެއްގައި ގުރޫޕަކުން މަގުމަތިން ޝިމާޒަށް ހަމަލާ ދިން މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. މިނިސްޓަރު ނަހްލާ ވަނީ ޝިމާޒު މަގާމުން ވަކިކޮށްދިނުމަށް ރައީސް ސޯލިހަށް ވެސް ދަންނަވާފަ އެވެ.
ޝިމާޒަށް ހަމަލާ ދިން މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާތީ ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.
މިނިސްޓަރު ނަހްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިމާޒަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައި އެކި ގޮތްގޮތުން މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"މިކަމުގެ ތެރޭގައި އަޅުގަނޑުގެ އާއިލާ އަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލިމުގެ ހުތުރު އަމަލުތަކެއް. ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއްނެތި ކުރާނެ ވާހަކަ ދަންނަވަން،" ނަހްލާގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ޝިމާޒަށް ދިން ހަމަލާއާއި މިނިސްޓަރު ނަހްލާގެ އާއިލާއާ ގުޅުވާ ތުހުމަތުތަކެއް ކުރާތީ ނަހްލާ ނިސްބަތްވާ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
ޝިމާޒް ނިސްބަތްވާ އެމްއެމްއާރް އިން ރޭ ބުނީ އެ ޕާޓީގެ ސްލޮޓެއްގައި ޑެޕިއުޓީ މިނިސްޓަރު ކަން ކުރައްވަމުން ގެންދަވާ ޝިމާޒަށް ބަޔަކު ހަމަލާދީފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ހަމަލާ ދިން ބަޔަކު ހޯދައި އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްވެސް އެމްއާރްއެމް އިން ގޮވާލާފައިވެ އެވެ.
ބަޔަކު މީގެކުރިން ވަނީ ޝިމާޒަށް އިންޒާރުދީ އޭނާގެ ސައިކަލްގެ މަޑި ވެސް ކަފާލާފަ އެވެ.