އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އަލީ ސޯލިހް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު މިބަދަލު ގެނެސްފައިވާ ކަމަށް އަލީ ސޯލިހް ވަނީ އަވަސް އަށް ޔަގީންކޮށްދީފަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެކުލަވާލި ސަރުކާރުގައި އެންމެ ފުރަތަމަ އަލީ ސޯލިހް އައްޔަންކުރެއްވީ ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ. ނަމަވެސް ފަހުން އެ މިނިސްޓްރީ އުވާލުމަށްފަހު އެ އިދާރާގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ގުޅިގެން ބުރާސްފަތި ދުވަހާ ހަމައަށް އަލީ ސޯލިހް ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގަ އެވެ.
އަލީ ސޯލިހަކީ މީޑިއާ އާއި ވަރަށް ރަހްމަތްތެރި އަދި ނޫސްވެރިންނާ ގާތްގުޅުމެއް ބާއްވާ ބޭފުޅެކެވެ.
އެނގިފައިވާ ގޮތުގައި އަލީ ސޯލިހް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރީ އެ މިނިސްޓްރީން ކުރާ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް މީޑިއާ އަށް ހާމަކޮށް މިނިސްޓްރީގެ ތަސައްވުރު ރަނގަޅުކުރުމަށެވެ.
އަލީ ސޯލިހަކީ އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީގައިވެސް ޗީފް ސްޕޯކްސްޕާސަން އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި އަލީ ސޯލިހާ އެކު މިހާރު ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވާނެ އެވެ.