ކުޅިވަރު

ޓީމް ޕްރޮފައިލް: އިންގްލެންޑް

  • ވޯލްޑް ކަޕް ކާމިޔާބު ނުކުރެވި 56 އަހަރު ވަނީ ހޭދަވެފަ
  • މިއީ އިންގްލެންޑް ވޯލްޑް ކަޕްގައި ކުޅޭ 16 ވަނަ ފަހަރު
  • ގްރޫޕުގައި ހިމެނެނީ އީރާން، އެމެރިކާ، ވޭލްސް

ޓީމް ޕްރޮފައިލް

އިންގްލެންޑުގައި އޮންނަ ފުޓްބޯޅައިގެ ނުފޫޒާ އެއްވަރަށް އެގައުމަށް ކާމިޔާބީ ލިބިފައެއްނުވެ އެވެ. ވޯލްޑް ކަޕްގެ ތާރީހުގައި އެގައުމަށް ޗެމްޕިއަންކަން ލިބުނީ އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ބޭއްވި މުބާރާތުގަ އެވެ. އޭގެފަހުން އެޓީމަށް ފައިނަލާ ހަމައަށް ވެސް ނުދެވެ އެވެ. 1950 ވަނަ އަހަރު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކޮށް މިދިޔަ 15 މުބާރާތުގެ ތެރެއިން ސެމީ ފައިނަލުގައި ކުޅުނީ ދެފަހަރު އެވެ. 1990 ވަނަ އަހަރު ސެމީގައި ހުޅަނގު ޖަރުމަނު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވިއިރު އެންމެ ފަހުގެ ވޯލްޑް ކަޕް ސެމީގައި ބަލިވީ ކްރޮއޭޝިއާ އަތުންނެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުގައި އިންގްލެންޑުން މިދިޔަ އަހަރުތަކުގައި ވަނީ ކުރިއެރުން ހޯދާފަ އެވެ. އެންމެފަހުގެ ޔޫރޯ ފައިނަލުގައި އެޓީމު އިޓަލީ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. މިދިޔަ އަހަރުގެ އިތުރުން 1968 ވަނަ އަހަރާއި 1996 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލުގައި އެޓީމު ކުޅުނެވެ.

ގަތަރު ވޯލްޑް ކަޕަށް އިންގްލެންޑް ނުކުންނަނީ އެންމެ ފަހުގެ ވޯލްޑް ކަޕާއި ޔޫރޯގައި ދެއްކި މޮޅު ކުޅުން ތަކުރާރުކޮށް ތަށި ކާމިޔާބު ކުރުމުގެ އަޒުމުގަ އެވެ. އެކަމަކު ވޯލްޑް ކަޕްގެ ކުރިން މިދިޔަ ސެޕްޓެމްބަރު މަހު ކުޅުނު ނޭޝަންސް ލީގުގެ މެޗުތަކުގައި ނަތީޖާ ދަށްވެ އެޓީމު ވަނީ ލީގު ދެއަކަށް ރެލިގޭޓްވެފަ އެވެ. ނޭޝަންސް ލީގުގެ ގްރޫޕުގައި އެޓީމު ދިޔައީ ފުލަށެވެ.

ކޮލިފައިވީ ކިހިނެއް؟

އިންގްލެންޑް ވޯލްޑް ކަޕަށް ކޮލިފައިވީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. ކޮލިފައިންގެ އަށް މެޗުން އެޓީމު މޮޅުވި އެވެ. އެއްވަރުވީ ދެ މެޗުންނެވެ. އެއީ އަމިއްލަ ދަނޑުގައި ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗާއި ރަށުން ބޭރުގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗެވެ.
ކޮލިފައިން

ފާހަގަކޮށްލެވޭ ކުޅުންތެރިން

ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިންތަކަކާ އެކު އެޓީމުގެ ކޮންމެ މަގާމެއްގައި ވެސް ތިބީ ނަތީޖާ ނެރެވޭނެ ފެންވަރުގެ ކުޅުންތެރިންނެވެ. މަޝްހޫރު ބައެއް ކުޅުންތެރިންނަށް އިންގްލެންޑް ޓީމުން ފުރުސަތު ހޯދުން ވެސް ވަނީ އުނދަގޫ ކަމަކަށްވެފަ އެވެ. އޭގެތެރެއިން އެއް ކުޅުންތެރިއަކީ މިފަހަރު ޓީމުން ބާކީވި ޖޭޑަން ސަންޗޯ އެވެ.

އިންގްލެންޑް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއަކީ ކެޕްޓަން ހެރީ ކޭން އެވެ. ކޭން އަކީ އެންމެ ފަހުގެ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި ކުޅުންތެރިޔާ އެވެ. ކޭންގެ އިތުރުން ޒުވާން ހުނަރުވެރިން ކަމަށްވާ ފިލް ފޯޑެން އާއި ޖޫޑް ބެލިންހަމް އަކީ ވެސް އިންގްލެންޑުގެ މުހިއްމު ކުޅުންތެރިންނެވެ.

ޑެކްލަން ރައިސް

ރިޕަބްލިކް އޮފް އަޔަލެންޑަށް އުފަން ޑެކްލަން ރައިސް އިންގްލެންޑަށް ރަށްވެހިކަން ބަދަލުކުރީ 2019 ވަނަ އަހަރު އެވެ. ރަށްވެހިކަން ބަދަލުކުރުމުގެ މައިގަނޑު ސަބަބަކީ އިންގްލެންޑުގެ ޓީމުން އޭނާ އަށް ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އޮތުމެވެ. ގައުމު ބަދަލުކުރުމުން ރައިސް އަށް މަރުގެ އިންޒާރު ވެސް ލިބުނެވެ.

ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅޭ 23 އަހަރުގެ ޑިފެންސިވް މިޑްފީލްޑަރަކީ ކޯޗު ގަރެތު ސައުތުގޭޓްގެ ގޭމް ޕްލޭންގައި މުހިއްމު ކުޅުންތެރިއެކެވެ. އިންގްލެންޑުގެ ޓީމަށް މިހާތަނަށް 34 މެޗު ކުޅެ ރައިސް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ގައުމީ ޓީމާ އެކު ރައިސް ކުޅުނު ފުރަތަމަ ބޮޑު މުބާރާތަކީ މިދިޔަ އަހަރު އޮތް ޔޫރޯ އެވެ. އެ މުބާރާތުގެ ހުރިހާ މެޗެއްގެ ފުރަތަމަ އެގާރައިގައި ރައިސް ހިމެނުނެވެ.

ޖޯޑަން ޕިކްފޯޑް

ވާދަވެރި ގޯލްކީޕަރުން ތިބި އިންގްލެންޑް ޓީމުގެ އެއް ނަންބަރު ކީޕަރަކީ އެވަޓަންގެ ޕިކްފޯޑް އެވެ. 2011 ވަނަ އަހަރު ސަންޑަލެންޑުން ފުޓްބޯޅަ ކެރިއަރު ފަށައި 2017 ވަނަ އަހަރާ ހަމައަށް ޕިކްފޯޑް ވަނީ ލޯނު އުސޫލުން ހަ ކްލަބަށް ކުޅެފަ އެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން އިންގްލެންޑުން ކޮލަމްބިއާ ބަލިކުރީ ޕިކްފޯޑް ސޭވްކުރި ޕެނަލްޓީއަކުންނެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްވިޑެން ބަލިކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޕިކްފޯޑް ހޯދި އެވެ. އޭގެފަހުން މިދިޔަ އަހަރު ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ފަސް މެޗުގައި ޕިކްފޯޑް ބެލެހެއްޓި ގޯލު ފޫއަޅުވައެއް ނުލެވުނެވެ.

ޕިކްފޯޑް ވެފައިވަނީ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަސް މެޗުގައި ކްލީންޝީޓް ހޯދި ފުރަތަމަ ކީޕަރަށެވެ. ޔޫރޯ ފައިނަލުގައި އިޓަލީގެ ދެ ޕެނަލްޓީ މަތަކުރި ނަމަވެސް ޕެނަލްޓީގައި އިންގްލެންޑަށް ކުރި ނުލިބުނެވެ.

ކޯޗު: ގަރެތު ސައުތުގޭޓް

މިޑްލްސްބަރާގެ ކޯޗުކަން ކުރުމަށް ފަހު އިންގްލެންޑުގެ 21 އަހަރުން ދަށުގެ ޓީމާ ސައުތުގޭޓް ހަވާލުވީ 2013 ވަނަ އަހަރު އެވެ. އޭނާގެ ކޯޗުކަމުގައި އިންގްލެންޑް ކުޅުނު 76 މެޗުގެ ތެރެއިން 46 މެޗު ކާމިޔާބުކުރި އެވެ. 17 މެޗު އެއްވަރުވިއިރު ބަލިވީ 13 މެޗުންނެވެ.