ހަބަރު

އަށް އަހަރު ފަހުން އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުންނަށް ކުރިއެރުން ދީފި

ގިނަ އަހަރުތަކަކަށް ފަހު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދީފި އެވެ.

މިއަދު މިކަމަށް ހާއްސަކޮށްގެން ކަސްޓަމްސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ އެއާޕޯޓުތަކުގައި މަސައްކަތް ކުރާ އޭވިއޭޝަން ކޮމާންޑްގެ މުވައްޒަފުންގެ ތެރެއިން މަގާމުގެ ކުރިއެރުން ލިބުނު 58 މުވައްޒަފަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މަގާމުގެ ކުރިއެރުން ލިބުނު މުވައްޒަފުންގެ ތެރޭގައި ކޯޕްރަލެއްގެ މަގާމަށް 21 މުވައްޒަފުން، ސާޖެންޓް މަގާމަށް 21 މުވައްޒަފުން އަދި ސްޓާފް ސާޖެންޓްގެ މަގާމަށް 13 މުވައްޒަފުން ވަނީ ޕްރޮމޯޓްވެފަ އެވެ. އަދި ދެ މުވައްޒަފަކަށް ސުޕްރިޓެންޑެއްގެ މަގާމާއި އެއް މުވައްޒަފަކަށް ޗީފް ސުޕްރިޓެންޑެއްގެ މަގާމު ވެސް ދީފައިވެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ފާހަގަކުރެއްވި ގޮތުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުއައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން އޮތީ ނިމިދިޔަ ސަރުކާރު އައިފަހުން ހުއްޓިފަ އެވެ. އަދި އޭވިއޭޝަން ސެކިއުރިޓި ކޮމާންޑްގެ މުއައްޒަފުންނަކީ ގައުމަށްޓަކައި މުހިއްމު ޒިންމާއެއް އަދާކުރާ ބައެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އޭވިއޭޝަން ކޮމާންޑަށް ޒިންމާދާރުކަން ކުޑަކޮށް ހެދޭ އެންމެ ގޯހަކުން މުޅި ގައުމުގެ އިގްތިސާދު ހީނަރުވުމުގެ ފުރުސަތު އެބަ އޮތް" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

އެންމެފަހުން އޭވިއޭޝަން ސެކުއިރިޓީ ކޮމާންޑްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދީފައިވަނީ މީގެ 8 އަހަރު ކުރިންނެވެ.