ޑީއެންއާރް

އައިޑީ ކާޑުގެ އާ ޑިޒައިނަށް އަލުން ހުޅުވާލައިފި

ދިވެހި ރައްޔިތެއް އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމާފައިވާތީ ކާޑުގެ އާ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާނުކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާ ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާއެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރުމަށްޓަކައި މިއަހަރުގެ އޮކްޓޫބަރު މަހު ކުރި އިއުލާނަށް އެކަށީގެންވާ އަދަދަށް ހުށަހެޅުންތައް ލިބިފައިނުވާތީ އެ އިއުލާނު ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އައިޑީ ކާޑު ޑިޒައިން ކުރަން ހުށަހަޅާ ޕްރޮޕޯސަލް ތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް ދެ ލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. ޑިޒައިނަރަކު ހޮވަން ނިންމާފައިވަނީ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓަށް ބެލުމަށްފަހު އެވެ.

ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިންނެވެ.

އައިޑީ ކާޑުގައި ބޭނުންކުރުމަށް ހުށަހަޅާ ފަރުމާތައް ރަސްމީކޮށް އާންމުކުރުމަށް ޑީއެންއާރް އިން ވަނީ ނިންމާފަ އެވެ.

އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް ސްމާޓް އައިޑީ ކާޑެއް ހެދުމުގެ މަސައްކަތަކީ ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ ފެބްރުއަރީ މަހު ނިންމި ނިންމުގެ ދަށުން ކުރާ މަސައްކަތެކެވެ.

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމަކީ ނެޝަނަލް ރެޒިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ހިމެނޭ ނިޒާމެކެވެ.

މި ނިޒާމު ގާއިމުކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތަކުގެ ތެރޭގައި މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވުން ހިމެނެ އެވެ. އަދި އައިޑެންޓިޓީގެ ވެރިފަރާތާއި ގުޅުންހުރި ރަސްމީ މައުލޫމާތު އެފަރާތެއްގެ ރުހުމާއެކު ފޯރުކޮށްދޭ ޕްލެޓްފޯމެއް ގާއިމުކުރަން ނިންމި އެވެ. އެ ޕްލެޓްފޯމް ގާއިމްކޮށް ދައުލަތުގެ އިދާރާތަކަށާއި ދައުލަތް ހިއްސާވާ ކުންފުނިތަކަށް ހިދުމަތް ދިނުމަށް ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގުޅިގެން ތަރައްގީކޮށް ހިންގުން ހިމެނެ އެވެ.

މީގެ އިތުރުން ޑީއެންއާރުގައި ބޭނުންކުރާ އައިޑެންޓީޓީ މެނޭޖްމަންޓް ސިސްޓަމް ޒަމާނީ ބަޔޯމެޓްރިކް ސިސްޓަމަކަށް އަޕްގްރޭޑް ކުރުންވެސް ހިމެނެ އެވެ. އަދި އާ ނަމްބަރިން ސިސްޓަމަކާއެކު ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑުގެ ނިޒާމެއް އެންސީއައިޓީއާ ޑީއެންއާރް ގުޅިގެން ތަރައްގީކޮށް ހިންގުމާއި، ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، ޕްރައިވެޓް ސެކްޓަރަށް ހުޅުވާލުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ ޕްރައިވެޓް ސެކްޓަރަށް ހުޅުވާލުންވެސް ހިމެނެ އެވެ.

ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ހާސިލްވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމުކުރުމާއި، ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތައާރަފްކުރުމާއި، ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުކުރުމާއި، ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތައާރަފުކުރުން ހިމެނެ އެވެ.