- ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތުގެ ތިންވަނަ ހޯދި
- 1954 އިން ފެށިގެން ކުޅުނު ނުވަ ވޯލްޑް ކަޕަށް އެމެރިކާ ކޮލިފައިނުވޭ
- ގްރޫޕުގައި ހިމެނެނީ ވޭލްސް، އިންގްލެންޑް، އީރާން
ޓީމުގެ ތާރީހް
ވޯލްޑް ކަޕްގައި އެމެރިކާގެ އެންމެ ބޮޑު ކާމިޔާބީއަކީ ފުރަތަމަ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރުމެވެ. އެފަހަރު ސެމީގައި އާޖެންޓީނާ އަތުން 6-1 އިން ބަލިވެ ކެޓީ އެވެ. އޭގެފަހުން ވޯލްޑް ކަޕްގައި އެޓީމަށް މާބޮޑު ކުރިއެރުމެއް ނުހޯދެ އެވެ. ވޯލްޑް ކަޕްގެ ފުރަތަމަ ހަތަރު މުބާރާތުގެ ތެރެއިން ތިން މުބާރާތުގައި އެމެރިކާ ކުޅުނެވެ. އޭގެފަހުން ކުޅުނު ނުވަ މުބާރާތަށް އެޓީމު ކޮލިފައިނުވެ އެވެ. އެމެރިކާ ފުޓްބޯޅަ ވޯލްޑް ކަޕާ ހަމައަށް އަލުން އައީ 1990 ވަނަ އަހަރު އެވެ. އޭގެފަހުން 2014 ވަނަ އަހަރާ ހަމައަށް ކުޅުނު ހަތް މުބާރާތުގައި އެޓީމު ވާދަކުރި އެވެ.
1994، 2010 އަދި 2014 ވަނަ އަހަރު ދެވަނަ ބުރުގައި ވާދަކުރިއިރު 2002 ވަނަ އަހަރު ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕަށް އެމެރިކާ ކޮލިފައިނުވެ އެވެ.
އެމެރިކާ ވަނީ ސަރަހައްދީ މުބާރާތް ކަމަށްވާ ކޮންކާކަފް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފަ އެވެ. އެންމެ ފަހުން އެޓީމު އެ މުބާރާތް ކާމިޔާބުކުރީ މިދިޔަ އަހަރު އެވެ. ފަހުން ތައާރަފްކުރި ކޮންކާކަފް ނޭޝަންސް ލީގުގެ ޗެމްޕިއަންކަން 20-2019 ވަނަ ސީޒަނުގައި އެމެރިކާ ހޯދި އެވެ.
ހާއްސަ ދައުވަތެއްގައި އެމެރިކާ އިން ވަނީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ހަތަރު ފަހަރު ކުޅެފަ އެވެ. އަދި ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ހަތަރު ފަހަރު ވާދަކޮށް 2009 ވަނަ އަހަރު ދެވަނަ ހޯދި އެވެ.
ކޮލިފައިވީ ކިހިނެއް؟
ވޯލްޑް ކަޕް ކޮލިފައިންގައި ކެނެޑާ އާއި މެކްސިކޯގެ ފަހަތުން އެމެރިކާ އަށް ލިބުނީ ތިން ވަނަ އެވެ. ވޯލްޑް ކަޕްގެ ސީދާ ޖާގައެއް އެޓީމުން ހޯދިއިރު 14 މެޗުގައި 21 ގޯލު ޖެހި އެވެ. ބައިކޮޅަށް ވަނީ 10 ގޯލެވެ. އެމެރިކާ ވަނީ ކޮލިފައިންގެ 14 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފަ އެވެ. ހަަތަރު މެޗު އެއްވަރުވިއިރު ތިން މެޗުން ބަލިވި އެވެ.
ކްރިސްޓިއަން ޕުލިސިޗް
24 އަހަރުގެ ޕުލިސިޗް އަކީ އެމެރިކާ ޓީމުގެ ކެޕްޓަނެވެ. ޕުލިސިޗް ފުރަތަމަ ވޯލްޑް ކަޕަށް ނުކުންނައިރު ޓީމުގައި އޭނާގެ ރެކޯޑް ރަނގަޅެވެ. 2016 ވަނަ އަހަރު އެމެރިކާ ޓީމުން ފުރުސަތު ހޯދައި މިހާތަނަށް ކުޅުނު 52 މެޗުގައި 21 ގޯލު ވަނީ ޖަހައިފަ އެވެ. މިފަހަރުގެ ކޮލިފައިންގައި އެމެރިކާގެ 14 މެޗުގެ ތެރެއިން 10 މެޗުގައި ކުޅެ ޕުލިސިޗް ފަސް ގޯލު ޖެހި އެވެ. ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކޮލިފައިންގެ ތިން މެޗު ގެއްލުނެވެ. އެމެރިކާ ޓީމާ އެކު ޕުލިސިޗް ވަނީ ކޮޕާ އެމެރިކާ އާއި ކޮންކާކަފް ނޭޝަންސް ލީގުގެ އިތުރުން ގޯލްޑް ކަޕްގައި ކުޅެފަ އެވެ.
ޕުލިސިޗްގެ ކުޅުން ފާހަގަކުރެވުނީ 2016 އިން 2019 އަށް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނުއިރު އެވެ. ޕުލިސިޗް ހޯދުމުގެ ރޭހުގައި 2019 ވަނަ އަހަރު ކުރި ހޯދީ ޗެލްސީ އެވެ. ޗެލްސީއާ އެކު ޕުލިސިޗް ވަނީ ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕްގެ އިތުރުން ޔޫއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.
ޔޫނުސް މޫސާ
އެމެރިކާ އަށް އުފަންވި މޫސާ ކުޑައިރުގެ ދުވަސްތައް ހޭދަކުރީ އިޓަލީ އާއި އިންގްލެންޑުގަ އެވެ. މޫސާގެ މައިންބަފައިން ނިސްބަތްވަނީ ގާނާ އަށެވެ. އެކަމަކު އިންގްލެންޑުގައި އުޅެމުން 2016 އިން 2019 އާ ހަމައަށް އެގައުމުގެ ޔޫތު ޓީމުތަކަށް 30 އަށް ވުރެ ގިނަ މެޗު ކުޅުނެވެ. ޔޫތު ޓީމުތަކުގައި ދެއްކި މޮޅު ކުޅުމާ އެކު މޫސާ އަށް އިންގްލެންޑުން ފުރުސަތު ދީފާނެކަމުގެ އިޝާރާތެއް ގަރެތު ސައުތުގޭޓު ދިނެވެ. އެކަމަކު މޫސާ ބޭނުންވީ އެމެރިކާ އަށް ރަށްވެހިކަން ބަދަލުކޮށް އެގައުމަށް ކުޅޭށެވެ. 2020 ވަނަ އަހަރު އެމެރިކާގެ ޓީމާ ގުޅުމަށް ފަހު މޫސާ މިހާތަނަށް ވަނީ 20 މެޗު ކުޅެފަ އެވެ. މޫސާ އަކީ އެމެރިކާ ޓީމުގައި ހުރި އުއްމީދީ މިޑްފީލްޑަރެކެވެ.
ކްލަބް ފުޓްބޯޅައިގައި މޫސާ ކުޅެމުން އަންނަނީ ސްޕެނިޝް ލީގުގެ ވެލެންސިއާއަށެވެ. 2020 ވަނަ އަހަރު ވެލެންސިއާގެ ސީނިއާ ޓީމާ ގުޅުމަށް ފަހު ލީގުގައި މިހާރު 70 އަށް ވުރެ ގިނަ މެޗު މޫސާ ވަނީ ކުޅެފަ އެވެ.
ކޯޗު: ގްރެގް ބާހަލްޓާ
ކުރީގެ ޑިފެންޑަރު ވަނީ ގައުމީ ޓީމަށް 44 މެޗު ކުޅެފަ އެވެ. 2011 ވަނަ އަހަރު ކޯޗިން އެންމެ ފުރަތަމަ ފެށީ އެލްއޭ ގެލެކްސީގެ އެސިސްޓެންޓުގެ ގޮތުގަ އެވެ. އެމެރިކާއާ ހަވާލުވެ 2021 ވަނަ އަހަރުގެ ކޮންކާކަފް ގޯލްޑް ކަޕްގެ ޗެމްޕިއަން ކަމާއި 20-2019 ވަނަ ސީޒަނުގެ ކޮންކާކަފް ނޭޝަންސް ލީގު ކާމިޔާބުކޮށްދިނެވެ.
ބާހަލްޓާގެ ކޯޗުކަމުގައި އެމެރިކާ ކުޅުނު 56 މެޗުގެ ތެރެއިން 36 މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ. 10 މެޗު އެއްވަރުވިއިރު 10 މެޗުން ވަނީ ބަލިވެފަ އެވެ.