ކުޅިވަރު

ޓީމް ޕްރޮފައިލް: ވޭލްސް

  • 64 އަހަރުތެރޭ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރު
  • މިއީ ވޭލްސް އިން ވޯލްޑް ކަޕުގައި ކުޅޭ ދެ ވަނަ ފަހަރު
  • ގްރޫޕުގައި ހިމެނެނީ، އިންގްލެންޑް، އެމެރިކާ، އީރާން

ޓީމް ޕްރޮފައިލް

މިފަހަރުގެ ވޯލްޑް ކަޕަށް ވޭލްސް ކުރިމަތިލަނީ 64 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މިއީ އެ ޓީމުން ވޯލްޑް ކަޕުގައި ވާދަކުރާ ދެވަނަ ފަހަރެވެ. އޭގެކުރިން، 2016 ވަނަ އަހަރު ކުޅެވުނު ޔޫރޯ ފުޓްބޯޅަ މުބާރާތަކީ 57 އަހަރުގެ ތެރޭގައި އެ ޓީމު ކުޅުނު ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތެވެ.

ވޯލްޑް ކަޕްގައި އެ ޓީމަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 1958 ވަނަ އަހަރު ވޯލްޑް ކަޕްގައި އަލަށް ވާދަކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ.

2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމު ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެއަށް ފަހު ދެން ޖެހިގެންއައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެ އެވެ. މިދިޔަ އަހަރު އޮތް ޔޫރޯގައި ވޭލްސް ކެޓީ ދެވަނަ ބުރުންނެވެ.

ކޮލިފައިވީ ކިހިނެއް؟

ކޮލިފައިން ގްރޫޕުގައި ބެލްޖިއަމްގެ ފަހަތުން ދެވަނަ ހޯދި އެވެ. ގްރޫޕުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވި އިރު ތިން މެޗު އެއްވަރު ކުރި އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. ޕްލޭއޮފް ސެމީ ފައިނަލުގައި ވޭލްސް ވާދަކުރީ އޮސްޓްރިއާއާ އެވެ. އެ މެޗު 2-1 އިން ކާމިޔާބުކޮށް ޕްލޭއޮފް ފައިނަލުން ފުރުސަތު ހޯދި އެވެ. ޕްލޭއޮފް ފައިނަލުގައި ވޭލްސް ވަނީ 1-0 އިން ޔޫކްރޭން ބަލިކޮށް ވޯލްޑް ކަޕްގެ ޖާގަ ޔަގީންކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ކުޅުންތެރިން

ދިގު ތާރީހަކަށް ފަހު ވޭލްސް ވޯލްޑް ކަޕަށް ކޮލިފައިވުމާ އެކު އެގައުމުގެ ސަޕޯޓަރުންނަށް ޓީމުގެ ކޮންމެ މެމްބަރަކީ ވެސް ހީރޯ އެކެވެ. އެކަމަކު ހުރިހާ ކުޅުންތެރިންގެ ތެރެއިން ވެސް އެންމެ އުހުގައި ހުރީ ކެޕްޓަން ގަރެތު ބޭލް އެވެ. ބޭލް އަކީ ވޭލްސްގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ވޭލްސް ގެންގޮސްދީ މިފަހަރުގެ ވޯލްޑް ކަޕަށް ވޭލްސް ކޮލިފައިކޮށްދިނުމުގެ މޭސްތިރިއަކީ ބޭލް އެވެ. އެހެންވެ އެޓީމުގައި ތަރިންގެ ލިސްޓު ހެދޭނީ ބޭލްގެ ނަމަށް ފަހު އެވެ. ބޭލްގެ އިތުރުން ވެސް މަގްބޫލު ކުޅުންތެރިން ވޭލްސްގައި އެބަތިއްބެވެ.

އާރޮން ރަމްސީ

މިވަގުތު ވޭލްސްގައި ހުރި، ހުރިހާ ގޮތަކުން އެންމެ މޮޅު މިޑްފީލްޑަރު ކަމަށްވާ އާރޮން ރަމްސީ އަކީ ކުރީން އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާ އެކު ސަމާލުކަން ހޯދާފައިވާ ކުޅުންތެރިއެކެވެ.

އެންމެ ފަހުން ކުޅެވުނު ބޮޑު ދެ މުބާރާތުގައި ވޭލްސްގެ މިޑްފީލްޑްގެ އިންޖީނުގެ ގޮތުގައި ފެނިގެންދިޔަ ރަމްސީ އަކީ އެ ޓީމުން 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލްގައި ވާދަކުރިއިރު ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.

މިހާރު އުމުރުން 31 އަހަރުގެ ރަމްސީ އެންމެ ފުރަތަމަ ވޭލްސްގެ ޖާޒީގައި މެޗެއް ކުޅުނީ 2008 ގައެވެ. އޭގެފަހުން، އޭނާ ވަނީ އެ ޓީމަށް ކުޅެދިން 75 މެޗުގައި 20 ލަނޑު ޖަހައިފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ވޭލްސް އަށް ކުޅެދިން ހަ މެޗުގައި އޭނާ ވަނީ ތިން ލަނޑުޖަހައި، އިތުރު ގޯލެއް ޖެހުމަށް އެހީތެރިވެދީފަ އެވެ.

ނިކޯ ވިލިއަމްސް

އުމުރުން 21 އަހަރުގެ ވިލިއަމްސް އަކީ ވޭލްސް ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް 2020 ވަނަ އަހަރު ކުޅެން ފެށި ޑިފެންޑަރު ވަނީ މިހާތަނަށް 23 މެޗު ކުޅެ ދެ ގޯލު ޖަހައިފަ އެވެ. ވޯލްޑް ކަޕަށް ވޭލްސް ކޮލިފައިވިއިރު ޕްލޭއޮފް މެޗުތަކުގައި ވިލިއަމްސް ވަނީ އޮސްޓްރިއާ އާއި ޔޫކްރޭންއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ލިވަޕޫލުގައި ކުޅުމުގެ ފުރުސަތު އެކަށީގެންވާ ވަރަށް ނުލިބުމުން މިދިޔަ ސީޒަނުގެ ފަހުކޮޅު ވިލިއަމްސް ލޯނު އުސޫލުން ކުޅުނީ ފުލަމް އަށެވެ. އޭގެފަހުން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ލިވަޕޫލުން ވިލިއަމްސް ވިއްކާލީ ނޮޓިންހަމް ފޮރެސްޓަށެވެ. ނޮޓިންހަމްއާ އެކު ޕްރިމިއާ ލީގުގައި ވިލިއަމްސް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ކޯޗު: ރޮބަޓް ޕޭޖް

އެސިސްޓެންޓް ކޯޗުކަމުގެ އިތުރުން ވަގުތީގޮތުން ޓީމާ ހަވާލުވުމަށް ފަހު ޕޭޖް ދާއިމީކޮށް ވޭލްސްގެ ޓީމާ ހަވާލުވީ މިއަހަރުގެ ޖޫން މަހު އެވެ. އެއީ ކުރީގެ ކޯޗު ރަޔާން ގިގްސް އަށް ގެވެށި އަނިޔާގެ މައްސަލައެއްގައި ސަސްޕެންޑް ކުރުމުންނެވެ. ވޭލްސްގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުކުރުމުގެ ކުރިން މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޭޖް، ވޭލްސް އަށް އިރުޝާދުދިނެވެ. އެ މުބާރާތުގައި ގްރޫޕް ސްޓޭޖް ފަހަނައަޅައި ގޮސް ދެވަނަ ބުރުގައި ބަލިވީ ޑެންމާކް އަތުންނެވެ.