ރާއްޖެ ކުޅިވަރު

ކުރިން މޮޅީ ނޭޕާލް، މިހާރު މޮޅީ ރާއްޖެ: ނޭޕާލް ކޯޗު

މީގެ 15 އަހަރު ކުރީގައި ރާއްޖޭގެ މައްޗަށް ނޭޕާލް ކުރި ހޯދި ކަމަށާއި ނަމަވެސް މިހާރު މޮޅީ ރާއްޖެ ކަމަށް ނޭޕާލްގެ ގައުމީ ފުޓްބޯޅަ ޓީމުން ބުނެފި އެވެ.

ބަންގް ބަންދު ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިއަދު ރާއްޖެއާ ދެކޮޅަށް ނުކުރުމުގެ ކުރިން ނޭޕާލް ޓީމުގެ ކޯޗު ބާލްގޯޕާލް މަހާރަޖަން މިހެން ބުނީ ކޮންމެ ގޮތަކުން ވެސް ރާއްޖެ ބަލިކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

"ރާއްޖެ އަކީ މޮޅު ޓީމެއް. ޓެކްނިކަލީ ވަރަށް މޮޅު ކުޅުންތެރިން ރާއްޖޭގައި އެބަތިބި. މެޗަކީ ފިފްޓީ ފިފްޓީ މެޗެއް. ކޮންމެ ގޮތެއް ވެދާނެ. މީގެ 10 ނުވަތަ 15 އަހަރު ކުރިން ރާއްޖެއާއެކު ޑޮމިނޭޓްކުރީ އަހަރުމެން. އެކަމަކު މިހާރު ރާއްޖެ މާބޮޑަށް ކުރިއަރައިފި. ފުޓްބޯޅަ ކުރިއެރުވަން އެމީހުން ވަނީ ވިސްނުންތެރިކަމާއެކު މަސައްކަތްކޮށްފައި. އެމީހުންގެ ލީގު ސްޓްރަކްޗާ ވެސް ރަނގަޅު،" ނޭޕާލް ކޯޗު ބުންޏެވެ.
ނަމަވެސް އޭނާ ބުނީ ކޮންމެ ގޮތެއް ހަދާފައިވެސް ރާއްޖެ ބަލިކުރަންޖެހޭ ކަމަށެވެ.

"ކޮންމެ އަގެއްދީފައި ވެސް މި މެޗު ކާމިޔާބު ކުރަން އެބަޖެހޭ. އަހަރެން ވަރަށް ހިތްހަމަޖެހޭ އަހަރެންގެ ކުޅުންތެރިން ވަކިވަކި ކުޅުންތެރިންގެ ގޮތުގަ އާއި ޓީމެއްގެ ގޮތުގައި ދައްކާފައިވާ ކުޅުމާމެދު. ގްރޫޕް ސްޓޭޖުގައި އަހަރުމެން ކޮޅަށް ގޯލެއް ނުވަދޭ. އޭގެ ސަބަބުން ކޮންފިޑެންސް އިތުރުވާނެ. އެކަމަކު އެއީ ފުދޭ މިންވަރެއްނޫން. މި މެޗު ކާމިޔާބު ކުރަންޖެހޭ،" ކޯޗު ބުންޏެވެ.

މި މެޗާ ބެހޭ ގޮތުން ރާއްޖެގެ ގައުމީ ކޯޗު ރިކީ ހާބަޓް ބުނެފައިވަނީ މެޗު ކާމިޔާބު ކުރުމަކީ ރާއްޖޭގެ ޒުވާން ޓީމަށް އޮތް ޗެލެންޖެއް ކަމަށާއި ނަމަވެސް ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.