ލައިފްސްޓައިލް

ބައްޔެއްގެ ސަބަބުން ޑައިޖެސްޓިވް ބިސްކޯދު ނޫނީ ނުކެވޭ އަންހެނެއް

އިނގިރޭސި ވިލާތުގެ ވޮލްވާހަމްޕްޓަންގައި ދިރިއުޅޭ ޒުވާން އަންހެނަކަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ކައިބޮއި އުޅުމަށް އިންތިހާއަށް ވަނީ ދަތިވެފަ އެވެ. ވަރަށް މަދުން ނޫނީ މީހުންނަށް ނުޖެހޭ މި ބަލި ޖެހިފައިވާތީ މި ޒުވާނާ ކެއުމަށް ބޭނުންކުރަނީ ހަމައެކަނި ޑައިޖެސްޓިވް ބިސްކޯދެވެ. އެނޫން އެހެން އެއްވެސް އެއްޗެއް އޭނާއަކަށް ނުކެވެ އެވެ.

ޓާލިއާ ސިނޮޓް ނަމަކަށް ކިޔާ މި މީހާއަށް ޖެހިފައިވަނީ ގެސްޓްރޯޕެރޭސިސް ކިޔާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ޓާލިއާ ކާ އެއްޗެތި އޭނާގެ ބަނޑުން ކުޑަ ގޮހޮރަށް ދާލެއް ވަރަށް ލަހެވެ. ނުވަތަ އެއްގޮތަކަށް ވެސް ނުދެއޭ ބުންޏަސް ރަނގަޅުވާނެ އެވެ.

"އެއްޗެއް ކާލާއިރަށް އަދި އެއްޗެއް ބޯލާއިރަށް މޭނުބައިކޮށް ހޮޑުލެވުން ފަދަ ތަޖުރިބާތައް ޓާލިއާ އަށް ކުރެވޭ. އެހެންވެ އޭނާގެ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ވެސް ފޮނުވަން ޖެހެނީ ފީޑީން ޓިއުބަކުން،" ޓާލިއާގެ އާއިލާގެ މީހަކު ބުންޏެވެ.

އުމުރުން 25 އަހަރުގެ ޓާލިއާ ބީބީސީއާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އޭނާއަށް ބަލީގެ އަލާމާތްތައް ފުރަތަމަ ފެންނަން ފެށީ 2018 ގައެވެ. ނަމަވެސް މި ބައްޔަކީ އެހާ އާއްމު ބައްޔަކަށް ނުވާތީ ޑޮކްޓަރުންނަށް ވެސް އޭނާއަށް ވާނުވާ ނޭނގިގެން އުޅުނު ކަމަށް ޓާލިއާ ބުންޏެވެ.

"މި ބައްޔަކާއެކު ދިރިއުޅެން އިންތިހާއަށް އުނދަގޫ. އަހަރެން ކިތަންމެ ކުޑަ އެއްޗެއް ކާލިޔަސް އަދި ބޯލިޔަސް އެދެން ދުވަސް ދިޔައީ. ބަނޑުހައި އިންތިހާއަށް ރިއްސާ، މޭނުބައިކޮށް ހޮޑުލެވި ގޮތްގޮތް ވާނެ،" ޓާލިއާ ބުންޏެވެ.

ޓާލިއާ ބުނި ގޮތުގައި ވަރަށް ހިތްވަރުކޮށްފައި އެއްޗެއް ކާލިޔަސް އެ އެއްޗެއް މޭގައި ތާށިވެފައިވާ ކަމުގެ އިހްސާސް ކުރެވެ އެވެ. އަދި އެ އުނދަގޫތައް ވަރަށް ގިނައިރު ވަންދެން ހުރެ އެވެ.

"އަހަރެން ކާހިތުން ވެސް އެއްޗެއް ކާލައިފިއްޔާ މޭގައި އެއްޗެއް ތާށިވެފައި އެތައް ގަޑިއިރަކު ހުރޭ. ދެން ބޭނުންވާނީ ހޮޑުލައިގެން ނަމަވެސް އެ އެއްޗެތި ބޭރުކޮށްލަން،" ޓާލިއާ ބުންޏެވެ.

ޓާލިއާގެ ބައްޔަކީ ގެސްޓްރޯޕެރޭސިސް ކަން ހޯދުނީ ލަންޑަންގެ ޑޮކްޓަރަކު ވަރަށް ގިނަ ޓެސްޓްތައް ހަދައި ވަރަށް ރިސާޗްތައް ކޮށްގެންނެވެ.

މިހާރު ޓާލިއާއަށް ފަރުވާ ދޭ ޑޮކްޓަރުން ތައްޔާރުވަމުންދަނީ އޭނާގެ ބަނޑަށް ގެސްޓްރިކް ޕޭސްމޭކާއެއް ލައްވާށެވެ. އޭރުން އޭނާގެ ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން އުއްމީދު ކުރެ އެވެ. ނޫނީ އޭނާއަށް ޖެހޭނީ ހަމައެކަނި ޑައިޖެސްޓިވް ބިސްކޯދު ކައިގެން މުޅި އުމުރު ދުވަހު އުޅޭށެވެ.