ފިނިޕޭޖް

ލޭޓެންސީގައި އެލެކްސިސް ރެން

އެކްޓްރެސް އަދި އޮންލައިން އިންފްލުއެންސާ އެލެކްސިސް ރެން ގޭމާ އަދި އެކްޝަން ތްރިލާ "ލޭޓެންސީ" ކުޅުމަށް ސޮއިކޮށް ފިއެވެ.

ޖޭމްސް ކްރޮކް ލިޔެ ޑައިރެކްޓްކުރާ މި ފިލްމްގައި އެލެކްސިސްގެ އިތުރުން ރަޝިއާގެ މޮޑެލް އަދި އެކްޓްރެސް ސާޝާ ލަސްވެސް އެކްޓްކުރާނެ އެވެ.

"ލޭޓެންސީ" ގައި ހެނާ (ސާޝާ) އަކީ އެގޮރޮފޯބިއާ ހުންނަ ގޭމާއެކެވެ.

ހެނާއަށް އޭނާގެ ބްރެއިން އެކްޓިވިޓީ ތަރުޖަމާކޮށްގެން މަސައްކަތްކުރާ އާ ގޭމް ކޮންޓްރޯލާ ލިބުމުން، ހެނާގެ ބެސްޓްފްރެންޑް ޖެންއާ އެކު މި ކޮންޓްރޯލާ އެކްސްޕެރިމެންޓް ކުރަން ފަށައެވެ. ހެނާއަށް ދެން ދޭހަ ވާން ފަށަނީ އެ ގޭމް ކޮންޓްރޯލާ ހެނާ ކޮންޓްރޯލްކުރަން ފަށާ ކަމެވެ. މި ފިލްމްގައި އެލެކްސިސް އަދާކުރަނީ ޖެންގެ ރޯލެވެ.

އެލެކްސިސް ބުނި ގޮތުގައި ޖޭމްސް ކްރޮކް މި ފިލްމްގެ ވާހަކަ ކިޔައިދެމުން ޖެންގެ ކެރެކްޓާ ސިފަކޮށްފައިވަނީ މި ފިލްމުގެ މައިރޯލެއް ކުޅޭ "ހިތް" ކަމުގަ އެވެ. އެހެންކަމުން އޭނާއަށް މިފަދަ ކެރެކްޓާއެއް ކުޅުމަކީ ޝަރަފެއް ކަމަށެވެ. އެލެކްސިސް އެންމެ ފަހުން ކުޅެފައިވަނީ "ދި އެންފޯސާ" އެވެ.

މި ފިލްމުގެ ޕްރޮޑަކްޝަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ތައިލެންޑްގެ ބެންކޮކްގަ އެވެ.