ރާއްޖެ ކުޅިވަރު

މަހްރެޒް ލައްވައި ޕެނަލްޓީ ނުޖަހަން ނިންމައިފި

ލެސްޓާ ސިޓީގެ ޕެނަލްޓީތައް ރިޔާދް މަހްރެޒް ލައްވައި ނުޖަހަން އެ ޓީމުން ނިންމައިފި އެވެ.

ޕްރެމިއާ ލީގުގެ ދެ ވަނާގައ އޮތް ޓީމުގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ މި ގޮތަށް ނިންމީ އެންމެ ފަހުން ލިބުނު ދެ ޕެނަލްޓީ ވެސް މަހްރެޒް އަތުން ނާކާމިޔާބުވުމުންނެވެ.

އެސްޓަން ވިލާއާ ދެކޮޅަށް އޭނާ މި ހަފުތާގައ ޖެހި ޕެނަލްޓީ އެ ޓީމުގެ ކީޕަރު ދިފާއު ކުރީ އެވެ. އަދި ބޯނެމައުތާ ދެކޮޅަށް ވެސް ޕެނަލްޓީ ވަނީ ނާކާމިޔަބުވެފަ އެވެ.

"މަހްރެޒް ހުރީ ވަރަށް ދެރަވެފައި ޕެނަލްޓީ ކާމިޔާބު ނުކުރެވުމުން. އަހަރެން އޭނާއާ ވާހަކަ ދެއްކިން. އަހަރެން ބުނިން ޗެމްޕިއަނުންގެ އަތުން ވެސް ޕެނަލްޓީ ނާކާމިޔާބުވެއޭ. އެހެންވީމާ (ޕެނަލްޓީ ޖެހުމުން) ކުޑަ ބްރޭކެއް ނަގާނީއޭ. އޭނާ އަށް އަދި ޗާންސް ލިބޭނެއޭ،" ކޯޗު ބުންޏެވެ.

ރަނިއޭރީ ބުނީ މަހްރެޒްގެ ބަދަލުގައި ޕެނަލްޓީ ޖަހާނެ ކުޅުންތެރިއެއް ނިންމާނީ ޓީމުގެ އެހެން ކުޅުންތެރިންނާ ވާހަކަ ދެއްކުމަށްފަހު ކަމަށެވެ. އަދި ޓީމުގައި މިދިޔަ ސީޒަނުގައި ވެސް ރަނގަޅަށް ޕެނަލްޓި ޖަހާފައިތިބި ކުޅުންތެރިން އެބަތިބި ކަމަށާއި މިހެންވެ މާބޮޑު ފިކުރެއް ނެތް ކަމަށެވެ.