ހައުސިން މިނިސްޓްރީ

ގޯތި ލިބޭ މީހުން މެއި މަހު އިއުލާންކުރަނީ

މާލެއިން ގޯޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލަން ޖެހޭ ކޮމިޓީ އަދި އެކުލަވާފައި ނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މިދިޔަ ބުދަ ދުވަހު ހައުސިން މިނިސްޓްރީގެ އަހަރީ ރިޕޯޓް ހުށަހެޅުއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލެއިން ގޯތި ދިނުމުގައި ކުރިއަށް ދެން އޮތީ ފޯމުތައް ދިރާސާކުރުމުގެ މަސައްކަތް ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ފޯމުތައް ދިރާސާކުރާނީ ރައީސް އެކުލަވާލާ ކޮމިޓީއަކުން ކަމަށާއި އެ ކޮމިޓީ އަދި އެކުލަވާލާފައި ނުވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ކޮމިޓީ އެކުލަވާލާ ފޯމުތައް ދިރާސާކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފޯމްތައް ދިރާސާ ކުރުމަށްފަހު ޝޯޓްލިސްޓް ކުރާ މީހުންގެ ތެރެއިން ގޯތި ލިބޭ މީހުން އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ. އަދި ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ބިންވެސް ހުރީ ފާހަގަކޮށް ނިމިފައި ކަމަށެވެ.

"ގުޅީފަޅުން ދޫކުރާ ގޯތިތަށް އަޅުގަނޑުމެންގެ ކުރެހުމުގައި އެބައޮތް ފާހަގަކޮށްފައި. ނަމަވެސް އަދި ގުޅީފަޅު ހިއްކުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ނުއެއް ފެށޭ،" އަސްލަމް ވިދާޅުވި އެވެ.

ގުޅީފަޅު ހިއްކުމަށްޓަކައި ކޮންޓްރެކްތުގައި ސޮއިކޮށް ލޯނުގެ ހުރިހާ ކަމެއްވެސް ނިމިފައިވާ ކަމަށާއި ކޮންޓްރެކްޓަށް އަމަލުކުރަން ނުފެށިގެން އުޅެނީ ހިންގަންޖެހޭ ބައެއް އިދާރީ މަސައްކަތް އެއްކޮށް ފުރިހަމަ ނުވާތީ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި މިހާރު އިދާރީ ކަންކަން ކުރަމުންދާ ކަން މިނިސްޓަރު އަސްލަމް ފާހަގަކުރެއްވި އެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތުގައި ލަސްވާން ދިމާވި އެންމެ ބޮޑު އެއްކަމެއްގެ ގޮތުގައި އަސްލަމް ފާހަގަކުރެއްވީ މި މަސައްކަތް ކުރުމަށް ބޭނުންވާ ލޯނަކީ ޔޫރަޕިއަން ބޭންކަކުން ލިބުނު ލޯނެއް ކަމުން ފުރިހަމަ ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރުމުން ކަމަށެވެ.

މާލެއިން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް އެޕްލިކޭޝަން މަރުހަލާ ހުޅުވާލީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމް ހުށަހެޅުމަށް ހުޅުވާލީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. ފޯމް ހުށަހެޅުމާއި ބަލައިގަތުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. ގޯއްޗަށް ކުރިމަތިލާ ފޯމް ހުށަހެޅުމަށްފަހުވެސް ފޯމަށް ބަދަލެއް ގެންނަން ބޭނުންވެއްޖެނަމަ މުއްދަތު ހަމަވުމުގެ ކުރިން އެ ފުރުސަތު އެންމެންނަށްވެސް ދީފައިވެ އެވެ.

ގެދޮރުވެރިޔާ އަދި ބިންވެރިޔާގެ ޕްރޮގްރާމަށް ހުށަހެޅުމުގެ ވަގުތު ހަމަވިއިރު ޖުމުލަ 35،861 ފޯމު ހުށަހަޅައިފައިވެ އެވެ. އެއީ މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް ހުށަހެޅި 15،164 ފޯމާއި 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް ހުށަހެޅި 6،208 ފޯމެވެ.

ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.