ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވޯލްޑްކަޕް ފެށުމާ ގުޅިގެން ގަތަރުގެ އަމީރަށް ރައީސްގެ ތަހުނިޔާ

ފީފާ ވޯލްޑް ކަޕްގެ ފެށުމުގެ މުނާސަބަތުގައި ގަތަރުގެ އަމީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަހުނިޔާ ދަންނަވައިފި އެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ ފީފާ ވޯލްޑް ކަޕް މިއަހަރު އޮންނަނީ ގަތަރުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ގަތަރުގެ އަމީރަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި މި މުބާރާތް ދެމި އޮންނާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި ކުޅިވަރުގެ ރީތި ނަމޫނާއެއް ގަތަރުން ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މުސްލިމް ގައުމެއްގައި ވޯލްޑް ކަޕް ބާއްވާތީ އެކަމާ އުފާ ކުރައްވާ ކަމަށާއި ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރޭގައި ގަތަރުގެ ސަރުކާރަށް ކުރިމަތިވި ގޮންޖެހުންތަކާ ހިކްމަތްތެރި ކަމާއެކު ކުރިމަތިލާތަން ފެނުމަކީ އެކަމުން ހިތްވަރު ލިބޭ ކަމެއްކަން ފާހަގަކުރެއްވި އެވެ.

ވޯލްޑް ކަޕް މިރޭ ފެށޭއިރު ގަތަރުން ވަނީ އިސްލާމީ ރިވެތި އުސޫލުތައް ދޫނުކުރާނެ ކަމަށް ބުނެފަ އެވެ. މިގޮތުން ވޯލްޑް ކަޕަށްޓަކައި ދީނުގެ ކަންކަން ބަދަލުކުރަން ހުއްދަ ނުދޭނެ ކަމަށް އެގައުމުން އަންނަނީ ތަކުރާރުކޮށް ބުނަމުން ނެވެ. އެއްޖިންސުން ގުޅުން ހިންގުމުގެ ކެމްޕޭން ޕްރޮމޯޝަން ހުއްޓުވާނެ ކަމަށާއި ސްޓޭޑިއަމްތަކުގައި ރާ ވިއްކުން މަނާކުރާނެ ކަމަށް ގަތަރު ވަނީ ބުނެފަ އެވެ.