ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަންނަ ހަފުތާގައި ގދ. ފަރެސްމާތޮޑާ އާއި ގަތަރަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އާދިއްތަ ދުވަހު ރައީސް ސޯލިހު ގދ. ފަރެސްމާތޮޑާއަށް ވަޑައިގަންނަވާނެ ކަމަށެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން މަސްވެރިންގެ ދުވަހު ބާއްވާ ހަރަކާތްތަކުގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ފަރެސްމާތޮޑާއިން ރައީސް މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހު ކަމަށާއި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީގެ ދައުވަތަކަށް ގަތަރަށް އެ ދުވަހު ފުރާވަޑައިގަންނަވާނެ ކަމަށެވެ. އަދި ވޯލްޑްކަޕްގެ ސެމީ ފައިނަލްގެ މެޗެއް ރައީސް ބައްލަވާލައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ސަރުކާރުގައި ރާއްޖެއާ ގަތަރުގެ ގުޅުން ބަދަހިވެފައިވާ ކަމަށާއި ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން ގުޅުން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ދަތުރުފުޅުގެ ޓިކެޓް ހަމަޖައްސަވަނީ ރައީސް އަމިއްލަ ފުޅަށް ކަމަށެވެ. ހޮސްޕިޓަލިޓީ ކަންކަމާއި މެޗުގެ ޓިކެޓްގެ ހަރަދު ހަމަޖައްސަނީ ގަތަރުން ކަމަށެވެ.
ވޯލްޑްކަޕް ފެށުމާ ގުޅިގެން ރައީސް ސޯލިހު ވަނީ އެކަމަށް މަރުހަބާ ވިދާޅުވެ ގަތަރުގެ އަމީރަށް ސިޓީފުޅެއް ވެސް ފޮނުއްވާފަ އެވެ.
ރައީސް ސޯލިހު ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ގަތަރަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފަ އެވެ.
އައްޑޫ އާއި ފުވައްމުލަކަށް ނައިބު ރައީސް ކުރައްވާ ދަތުރުފުޅެއްގައި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ނައިބު ރައީސް ފައިސަލް ނަސީމް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި އެ ދެ ސިޓީގައި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މަޝްރޫއުތަކުގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް ފައިސަލް ނަސީމް ބައްލަވާލައްވާނެ އެވެ. އަދި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވާނެ އެވެ.