ކްރޫޒް ލައިނާ

ކޮވިޑަށް ފަހު އަލަށް ކްރޫޒްލައިނާއެއް ރާއްޖެއަށް

ކޮވިޑް19ގެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވާލި ފަހުން ފުރަތަމަ ކްރޫޒްލައިނާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ސީޝެލްސްގެ ވިކްޓޯރިއާ ޕޯޓުން ފުރައިގެން އައި "ޔޫރޮޕާ 2" ނަމަކަށް ކިޔާ މި ކްރޫޒް ލައިނާ މާލެ އައީ ރޭ ފަތިހު 5:30 ހާއިރު ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނެއެވެ.

މި ކްރޫޒްލައިނާގައި 400 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މިކުރޫޒް ލައިނާ ފުރަތަމަ ދިޔައީ ޅޮހިފުއްޓަށެވެ.

މަލްޓާގެ މި ކްރޫޒްގެ ދިގުމިނުގައި 225.62 މީޓަރު ހުންނަ އިރު މިއީ ފައިވް ސްޓާ ޕްލަސް ރޭޓިންގެ ކްރޫޒްލައިނާ އެކެވެ.

ޕީކް ސީޒަނާއި ދިމާކޮށް ކްރޫޒްލައިނާތަކުގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީން ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިހާރު އަންނަނީ ރަނގަޅުވަމުން ނެވެ. މިއަހަރުގެ ޖެނުއަރީ އިން ނޮވެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.42 މިލިއަނަށް އަރާފަ އެވެ. މިއީ ފާއިތުވި ދެ އަހަރުގެ މި މުއްދަތަށްވުރެ އިތުރުވުމެކެވެ.