ޔުކްރޭންގެ ޒަޕޮރިއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓްގައި ބާރުގަދަ ގޮވުމެއް ގޮވައިފި އެވެ.
އެކަމަކު ޒިންމާ ނަގާނެ ބަޔަކު ނުވި އެވެ. ބަދުނާމު އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އެޅުވުން ނޫން ކަމެއް ރަޝިއާ އަދި ޔުކްރޭން ވެސް ނުކުރެ އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމާގައި، ޔުކްރޭންގެ ނިއުކްލިއާ ޕަވާ ޕްލާންޓްތައް ވެފައި ވަނީ މައިގަނޑު އަމާޒުތަކަކަށެވެ. ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް އެރި ގޮތަށް އަމާޒުހިފީ ވެސް ނިއުކްލިއާ ޕްލާންޓްތަކަށެވެ.
ޒަޕޮރިއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓް މިހާރު ވެސް އޮތީ ރަޝިއާ ސިފައިންގެ ބާރުގެ ދަށުގަ އެވެ. އެތަން އަތުލަން ޔުކްރޭން ސިފައިން ދޭތެރެ ދޭތެރެއިން ހަމަލާދެ އެވެ. އެހެންނަމަވެސް ކަންފުޅެއްވާ ގޮތެއް އަދި ވެސް ނުވެ އެވެ.
ބާރުގަަދަ ގޮވުންތައް އެ ސަރަހައްދުގައި ގޮވި ނަމަވެސް ރަޝިއާ ބުނަނީ އެއީ ޔުކްރޭނުން ދިން ހަމަލާއެއް ކަމަށެވެ. ޔުކްރޭނުން ބުނަނީ ރަޝިއާގެ ހަމަމާއެއް ކަމަށެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުން ނިއުކްލިއާ ޕަވާ ޕްލާންޓެއް ހިފައިގެން ތިބެ -- އަދި އަމިއްލަ ސިފައިން އެ ތަނުގައި ތިއްބައި މުޅި ތަން ގޮއްވާލަން ހަމަލާދިނުން ވާނީ ވަރަށް މޮޔަ ކަމަކަށެވެ.
އަނެއްކޮޅުން އަމިއްލަ ގައުމަށް ނިއުކްލިއާ ހަމަލާއެއް ދޭނީ ވެސް މޮޔަ ބައެއް ކަމަށް ރަޝިއާއިން ވަނީ ބުނެފަ އެވެ. މިއީ ޔުކްރޭނަށް ނިސްބަތްކޮށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނި ބުނުމެކެވެ.
ރަޝިއާ ބުނާ ގޮތުން ޔުކްރޭނުން ބޭނުންވަނީ ސަރަހައްދު ނުރައްކާ ކުރާށެވެ. ރަޝިއާ ސިފައިން އެތަނުގައި ތިބުމަކުން އިތުރު ނުރައްކަލެއް ޔުކްރޭންގެ އާންމު ރައްޔިތަކަށް ނުލިބޭނެ ކަމަށް ވެސް ރަޝިއާ ބުނެ އެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން ވެސް ވަނީ ޒަޕޮރިއްޒިއާގައި ބާރުގަދަ ގޮވުމެއް ގޮވިކަން ކަށަވަރުކޮށްދީފަ އެވެ. އެ އޭޖެންސީގެ އިލްތިމާސަކީ އެއްވެސް ބަޔަކު -- ރަޝިއާ އަދި ޔުކްރޭން ވެސް އަލިފާނާ ނުކުޅުމެވެ.
އައިއޭއީއޭ ބުނާ ގޮތުން ނިއުކްލިއާ ޕަވާ ޕްލާންޓަކާ ކުޅެނިކޮށް އަތަށް ގޮވާފާނެ އެވެ. އޭރުން އޮންނާނީ ސަލާމަތް ނުވެވިފައި ކަމަށް ވެސް އޭނާޖީ އޭޖެންސީން ބުނެ ވަަނީ އިންޒާރު ދީފަ އެވެ.
ޒަޕޮރިއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓަކީ ޔޫރަޕްގައި ހުރި އެންމެ ބޮޑު ނިއުކްލިއާ ޕަވާ ޕްލާންޓެވެ. ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމުގެ ކުރިން، ޔުކްރޭނަށް ބޭނުންވާ ހަކަތައިގެ ބޮޑުބައި ފުއްދަނީ މި ޕަވާޕްލާންޓުން އުފައްދާ ކަރަންޓުންނެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ނިއުކްލިއާ ޕަވާ ޕްލާންޓެއް މެދުވެރިއަކަށް ހެދުމަކީ ހެދޭ ވަރަށް ބޮޑު ގޯހަކަށް ވާނެ ކަމަށް އޭނަޖީ އޭޖެންސީން ވަނީ ބުނެފަ އެވެ. އެކަން އެގޮތަށް ނުކުރުމަށް ވެސް ކިޔެވް އާއި މޮސްކޯއަށް އައިއޭއީއޭ އިން އޮތީ ނަސޭހަތްތެރިވެފަ އެވެ.