އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)

ޒަޕޮރޮއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓް ބަލައިފިން: އައިއޭއީއޭ

އދ. އިން އެދިފައި އޮތް އެދުމެއްގެ މަތިން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ އިންސްޕެކްޓަރުން ޔުކްރޭންގެ ޒަޕޮރޮއްޒިއާއަށް ގޮސް ނިއުކްލިއާ ޕަވާ ޕްލާންޓްގެ ހާލަތު ބަލައިފި އެވެ.

އައިއޭއީއޭގެ ޑައިރެކްޓަރު ޖެނެރަލް ރަފޭލް މާރިއާނޯ ގްރޮސީ ވިދާޅުވި ގޮތުގައި އެ ޖަމާއަތުގެ އިންސްޕެކްޓަރުން ޒަޕޮރޮއްޒިއާ ނިއުކްލިއާ ޕްލާންޓަށް ވަދެ ކޮންޓްރޯލް ރޫމާއި އެމެޖެންސީ ސިސްޓަމްތައް ވަނީ ވަރަށް ރަނގަޅަށް ބަލާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ އެވެ. ޒަޕޮރޮއްޒިއާގައި ތިބެގެން އިންސްޕެކްޓަރުން ނިއުކްލިއާ ޕަވާ ޕްލާންޓްގެ ހާލަތު އަދި އިތުރަށް ދިރާސާކުރާނެ އެވެ.

އައިއޭއީއޭގެ ބޮޑު ޓީމެއް ޒަޕޮރޮއްޒިއާ އަށް ދިޔައީ ރަޝިއާ އާއި ޔުކްރޭންއާ ދެމެދު ހިންގުމުންދާ ހަނގުރާމާގައި ޒަޕޮރޮއްޒިއާ ނިއުކްލިއާ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ.

ޒަޕޮރޮއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓް މިހާރު އޮތީ ރަޝިއާގެ ބާރުގެ ދަށުގަ އެވެ. ޔުކްރޭން ސިފައިން އެތައް އަލުން ހިފުމަށްޓަކައި ދެމުން ގެންދާ ހަމަލާތައް އަޅުވަނީ ރަޝިއާ ސިފައިންގެ ބޮލުގަ އެވެ.

ޔުކްރޭން ހަނގުރާމަ ހިނގަނިކޮށް ނިއުކްލިއާ ޕަވާ ޕްލާންޓަށް ކޮންމެ ބަޔަކު ހަމަލާއެއް ދިން ނަމަވެސް އޮތް ބިރަކީ އެތަނުން ނިއުކްލިއާ ލީކުވެ ދުނިޔެއަށް ނުރައްކާ ވުމެވެ.

ޔުކްރޭން ބުނާ ގޮތުން އެތަން ހަލާކު ކުރުމަށްޓަކައި ހަމަލާދެނީ ރަޝިއާ ސިފައިންނެވެ. ރަޝިއާ ބުނަނީ އެއީ ދޮގެއް ކަމަށް -- ހަމަލާ ދެނީ ޔުކްރޭން ސިފައިން ކަމަށެވެ.

ޒަޕޮރޮއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓްގެ ހާލަތު ބެލުމަށް އދ. އަށް އެންމެ ފުރަތަ ދައުވަތު ދިނީ ވެސް ރަޝިއާ އެވެ. އަދި އައިއޭއީއޭ އިންސްޕެކްޓަރުން ފޮނުވައި އެތައް އިންސްޕެކްޓް ކުރުމަށް އެދުނީ ވެސް ރަޝިއާ އެވެ.

އައިއޭއީއޭ އިން މިހާރު ވިސްނަނީ ދާއީމީ ގޮތުގައި އެތަނުގައި ތިބުމަށެވެ. އަދި ހަނގުރާމައިގައި ހަމަލާ ބަދަލުކުރުމުގައި ޒަޕޮރޮއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓް ނިވައި ފަތްގަނޑަކަށް ހަދަނީ ކޮން ބައެއްތޯ -- ހަމަލާދެނީ ކޮންބައެއްތޯ ވެސް ބަލާނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.