ނިއުކްލިއާ ޕްލާންޓްތަކަށް ހަމަލާދިނުމަކީ އަމިއްލައަށް މަރުވުން ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެ އެވެ. ހަނގުރާމައިގެ ނިވައިފަތްގަނޑަކަށް ނިއުކްލިއާ ޕަވާ ޕްލާންޓްތައް ނުހެދުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމާގައި އެއްބަޔަކު އަނެއް ބަޔަކަށް ދޭ ހަމަލާތައް މިހާރު އަމާޒުވާ އެއް އަވަށަކީ ޔުކްރޭންގެ ޒަޕޮރިއްޒިއާ އެވެ.
ޒަޕޮރިއްޒިއާ ހިފައިގެން ތިބި ރަޝިއާ ސިފައިން އެތަނުން ފައްސާލުމަށް ޔުކްރޭން ދެމުން ގެންދާ ހަމަލާތައް ޒަޕޮރިއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓަށް އަމާޒުވެ ގެއްލުތަކެއް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އެހެން ނަމަވެސް ޔުކްރޭނުން ބުނަނީ ނިއުކްލިއާ ޕްލާންޓަށް ހަމަލާ ނުދޭ ކަމަށެވެ. ރަޝިއާ ވެސް ބުނަނީ ހަމަލާ ނުދޭ ކަމަށެވެ.
ޔުކްރޭންގެ ޒަޕޮރިއްޒިއާގައި ހުންނަ ނިއުކްލިއާ ޕަވާ ޕްލާންޓަކީ ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕަވާ ޕްލާންޓް އެވެ. ޔުކްރޭނުން ކުރިން ބުނި ގޮތުން އެ ތަނަކީ މިހާރު ރަޝިއާގެ އަސްކަރިއްޔާގެ މިސައިލް ގުދަނެކެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމަ ފެބްރުއަރީ 24 ގައި ފެށިތާ ކުރީކޮޅު، އޭޕްރީލްގައި ރަޝިއާގެ ފައިޓަރު ޖެޓުތަކުން ޒަޕޮރިއްޒިއާ ނިއުކްލިއާ ޕްލާންޓަށް ބޮންއެޅި އެވެ.
އެހެން ނަމަވެސް ރަޝިއާއިން ބުނީ ބޮންއެޅީ އިދާރީ އިމާރާތަށް ކަމަށާއި ނިއުކްލިއާ ޕްލާންޓަށް ގެއްލުމެއް ނުވާ ކަމަށެވެ. އެއަށް ފަހު އެތަން ހިފައިން އަދި ވެސް ތިބީ ރަޝިއާ ސިފައިންނެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ޒަޕޮރިއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓް ގޮވައި އަލިފާން ރޯވެއްޖެ ނަމަ ޗާނަބީލް ނިއުކްލިއާ ހާދިސާއަށް ވުރެ 10 ގުނަ ނުރައްކާ ބޮޑުވެގެން ދާނެ އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި ޔުކްރޭންގެ ނިއުކްލިއާ ޕްލާންޓްތަކަށް ވާގޮތް އިންޓަނޭޝަން އެޓޮމިކް އެނާޖީ އެޖެންސީ ވަރަށް ގާތުން ބަލާނެ ކަމަށް އުންމިދު ކުރައްވާ ކަމަށެވެ.
ރަޝިއާ އާއި ޔުކްރޭނުން އިސްނަގައިގެން ސުލްހައަށް މަޝްވަރާކުރަން ޖެހޭ ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.