ކުޅިވަރު

ސައީދުގެ ވޯލްޑް ކަަޕް ދަތުރާއި އިއްތިފާގު

Nov 22, 2022
1

ލިޔުނީ: އަބްދުﷲ އަޝްރަފް

މީގެ 20 އަހަރު ކުރިން ޖަޕާނާއި، ދެކުނު ކޮރެއާ ގުޅިގެން ބޭއްވި ވޯލްޑް ކަޕަކީ ދިވެހިންނަށް ވަރަށް ހާއްސަވި މުބާރާތެކެވެ. އެއީ މުބާރާތުގެ ތާރީހުގައި ދިވެއްސެއްގެ ނަން ލިޔެވުނު ހަމައެކަނި ފަހަރެވެ. ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެސިސްޓެންޓް ރެފްރީ މުހައްމަދު ސައީދު 2002 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ހަތަރު މެޗެއްގައި ވަނީ ރޮނގު ބަލަހައްޓާފަ އެވެ.

މި ބޮޑު ޝަރަފާއެކު އޭނާއަށް ކުރިމަތިވި އިއްތިފާގު އެނގޭ ހެއްޔެވެ؟ އެފަހަރުގެ ވޯލްޑް ކަޕްގައި ސައީދު އިންސާފުކުރި ހަތަރު މެޗުގެ ތެރެއިން އޭނާ އަށް ލިބުނު ފުރަތަމަ އަދި ފަހު މެޗްގައި އެއްކޮޅުން ވާދަކުރީ އޭނާގެ ފޭވަރިޓް އިންގްލެންޑެވެ.

2002ގެ ވޯލްޑް ކަޕްގައި ސައީދު އެސިސްޓެންޓް ރެފްރީކަން ކުރި އެންމެ ފަހު މެޗަކީ އެފަހަރުގެ މުބާރާތުން އެންމެ ގިނަ ބަޔަކު ހަނދާން ހުންނާނެ އެއް މެޗެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގައި ޗެމްޕިއަން ބްރެޒިލް އަތުން އިންގްލެންޑް ބަލިވި މެޗްގެ އެންމެ އާދަޔާހިލާފު ކަމަކަށްވީ ބްރެޒިލްގެ ރޮނާލްޑީނިއޯ އިންގްލެންޑް ކޮޅަށް ވައްދާލި ގޯލެވެ.

"ފުދޭވަރަކަށް މެދުތެރެއިން ލިބުނު ފްރީ ކިކެއް އެއީ. ވޯލްވެސް ހަމަ އަޅަންވާ ހިސާބުގައި އަޅާފަ ހަމަ ވަގުތު ލިބިގެން ޖެހި އެއްޗެއް އެއީ. މަތިން ޖެހި ބޯޅައެއް. އޭރު ސީމަން ހުންނާނީ (އިންގްލެންޑްގެ) ގޯލްކީޕަރަކަށް. އޭނަވެސް ހުރީ ކުރިއަށް ނުކުމެ. ނުކުމެ ހުރީމަ، ރޮނާލްޑީނިއޯ މަތިންޖެހީ. ޖެހީމަ، އޮއްސިގެން ގޯލަށް ވަތް އިރު ކީޕަރަކަށް އޭގަ އަތެއްނުލެވުނު. އެއީ އެންމެ ހަނދާން ހުންނަ ވަގުތުކޮޅަކީ." ވޯލްޑް ކަޕްގެ ތަޖުރިބާ ހިއްސާކުރަމުން "އަވަސް" އަށް ދިން އިންޓަވިއުއެއްގައި ސައީދު ބުނެފައިވެ އެވެ.

ސައީދު ބުނި ގޮތުގައި ހީނުކުރާ ކަހަލަ ގޮތަކަށް މެޗުން އިންގްލެންޑް ބަލިވެ މުބާރާތުން ކެޓި ނަމަވެސް އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް އިންގްލެންޑްގެ ކުޅުންތެރިންގެ ފަރާތުންވެސް އަދި ސަޕޯޓަރެއްގެ ފަރާތުންވެސް އެދުވަހު ކުރިމަތި ނުވާ ކަމަށެވެ.

"އިނގިރޭސިންނަކީ ވަރަށް ތަފާތު ބައެއް. އެމީހުންނަށް އެނގޭ ފުޓްބޯޅައަކީ ވާދަވެރިކަންވެސް އޮންނަ އެއްޗެއްކަން. އެ މެޗްވެސް ނިންމާފައި ބަލިވީމަވެސް ރެފްރީންގެ ޗޭންޖިން ރޫމަށް އައިސް ހަދިޔާ ދިން، ޖޯޒީއާ. އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ފާޅެއް ނުކުރޭ. ކެޕްޓަނެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއް ބެކަމް ކުރި." ސައީދު ބުނެފައިވެ އެވެ.

ދުނިޔޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ރެފްރީންގެ ތެރޭގައި ހިމެނުމަކީ އާދައިގެ ކަމެއް ނޫނެވެ. އަމުދުން ރާއްޖެ ކަހަލަ ކުޑަ އަދީ އާބާދީ މަދު ގައުމަކަށް އެއީ ބޮޑު ޝަރަފަކެވެ. އަދި އެއީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ނޫނީ ހާސިލްކުރެވޭނެ ފަހުރެއްވެސް ނޫނެވެ. ސައީދުގެ ވޯލްޑް ކަޕް ދަތުރުންވެސް ބުނެދެނީ ހަމަ އެ ވާހަކަ އެވެ. ވޯލްޑް ކަޕުން ސައީދަށް ފުރުސަތު ލިބުނީ ފީފާގެ އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށިތާ ބަރާބަރު 10 އަހަރު ފަހުންނެވެ.

ވޯލްޑް ކަޕަށް ސައީދު ކުރި ދަތުރަކީ ކާމިޔާބު ހޯދަން ގަދައަޅައި މަސައްކަތްކުރާ ކޮންމެ މީހަކަށް އޮތް ރީތި ފިލާވަޅެކެވެ. އޭގައި ނެތް އެއްޗެއް މަދެވެ. އެ ދަތުރުން ފެންނަން އޮތީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް ޖެހެން އަޒުމާއެކު ކުރި މަސައްކަތެވެ. ކަމަށް ކަމޭ ހިތައިގެން މަސައްކަތަށް ބެހެއްޓި އާދަޔާހިލާފު ޝައުގުވެރިކަމެވެ. އިރުޝާދުތަކަށް ބޯލަނބައިގެން ދެމެހެއްޓި މަސައްކަތުގެ އަހުލާގެވެ. އެންމެ އާދައިގެ މުބާރާތްތަކުން ފަށައިގެން އެންމެ ބޮޑު މުބާރާތަށް ދާން ސައީދަށް ފުރުސަތު ލިބުނީ މިހުރިހާ ކަމެއް އޭނަގެ ކިބައިގައި އެންމެ ބޭނުންވާ ފެންވަރަށް ހުރީމަ އެވެ.

"އެއީ ވަރަށް ދިގު ވާހަކައެއް. ފީފާގެ އެސިސްޓެންޓް ރެފްރީއަކަށް 1992 ވަނަ އަހަރުވުމަށްފަހު ބައިނަލްއަގްވާމީ ވަރަށް ގިނަ މުބާރާތްތަކެއްގައި އެސިސްޓެންޓް ރެފްރީކަން ކޮށްގެން އެ ހިސާބަށް ދެވުނީ." 2002ގެ ވޯލްޑް ކަޕުން ފުރުސަތު ލިބުނު ގޮތް ކިޔައިދެމުން ސައީދު ބުންޏެވެ.

އެންމެ ފުރަތަމަ ސައީދު ފެށީ ސާފް ގޭމްސްއާ ހަމައިންނެވެ. އޭގެ ފަހުން އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތެވެ. އެއަށްފަހު ސައީދު ދެން ފެންނަން ފެށީ ދިވެހި ކްލަބްތައްވެސް އެންމެ ގިނައިން ވާދަކުރި އޭއެފްސީގެ ކްލަބް މުބާރާތްތަކުންނެވެ. އެ ހުރިހާ މުބާރާތްތަކެއްގައި ސައީދު ދެއްކި ކުޅަދާނަކަމުގެ ނަތީޖާއަކަށްވީ ފުރަތަމަ ފަހަރަށް ފީފާގެ މުބާރާތަކުން 1996 ވަނަ އަހަރު ފުރުސަތު ލިބުމެވެ. އެންމެ ފުރަތަމަ މެލޭޝިއާގައި އޮތް ޔޫތު ވޯލްޑް ކަޕެވެ. އެއާއެކު ނައިޖީރިއާގައި އޮތް ޔޫތު ވޯލްޑް ކަޕުންވެސް ސައީދަށް ފުރުސަތު ލިބުނެވެ.

ސައީދުގެ ކެރިއަރުގައި 2000 ވަނަ އަހަރަކީވެސް ވަރަށް ފާހަގަކޮށްލެވޭ އަހަރެކެވެ. އޭޝިޔާގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭޝިއަން ކަޕުން ސައީދަށް ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނީ އެ އަހަރު އެވެ. އެފަހަރުގެ މުބާރާތުގެ ކުއާޓާ އަދި ސެމީ ފައިނަލް މެޗްގައިވެސް އެސިސްޓެންޓް ރެފްރީކަން ސައީދު ކުރި އެވެ. އެހާހިސާބުން 2001 ވަނަ އަހަރު އޮތް ފީފާގެ ކޮންފެޑެރޭޝަންސް ކަޕަށް ދާން ސައީދަށް ފުރުސަތު ލިބުނެވެ. ވޯލްޑް ކަޕް މުބާރާތުގެ އެސިސްޓެންޓް ރެފްރީކަން ކުރަން ފުރުސަތު ލިބުނުކަން އެނގުނީ އެ މުބާރާތުގެ ތެރެއިންނެވެ.
ވޯލްޑް ކަޕަށް ދިއުމުގެ ކުރިން ފީފާގެ އެސިސްޓެންޓް ރެފްރީ އެއްގެ ގޮތުގައި 10 އަހަރު ސައީދު މަސައްކަތްކުރިއިރު އޭނާ އެންމެ ބޮޑު ޝައުގުވެރިކަމެއް ބެހެއްޓީ ލިބޭ ކޮންމެ މެޗެއްގައިވެސް އެންމެ ރަގަޅަށް މަސައްކަތް ކުރުމަށެވެ. ވޯލްޑް ކަޕްގެ އަމާޒަކީ 1999 ވަނަ އަހަރާ ހަމައަށް އޭނާގެ ވިސްނުމުގައި ނެތް އެއްޗެކެވެ.

"ފުރަތަމަ އެއްވެސް ވަރަކަށް ނުވިސްނަން. 1999 ވަނަ އަހަރު ނައިޖީރިއާގައި އޮތް ޔޫތު ވޯލްޑް ކަޕްގައި ރެފްރީންގެ ހެޑަކަށް ހުރި ފީފާގެ ރެފްރީސް ކޮމިޓީގެ މެންބަރާ މުބާރާތުގެ ތެރެއިން ދިމާވެގެން އަހަނީ އުމުރު ކިހާވަރެއްތޯ. އެސިސްޓެންޓް ރެފްރީކަން ކުރީ ކިހާ މުބާރާތެއްގައިތޯ." ވޯލްޑް ކަޕްގައި އެސިސްޓެންޓް ރެފްރީކަން ކުރުމުގެ ޝައުގުވެރިކަން އުފެދެން މެދުވެރިވި ސަބަބު ކިޔައިދެމުން ސައީދު ބުންޏެވެ.

"ދެން އެ ދުވަހު އޭނަ ވިދާޅުވެއްޖެ ކުރިއަށް އޮންނަ ދެ ވޯލްޑް ކަޕް ނިމޭއިރުވެސް އަދި އުމުރު ހަމަނުވާނެއޭ. އެހެންވީމަ އެކަމަށް މަސައްކަތް ކުރަންވީ ނޫންހޭ. އެ ވާހަކަ ދެއްކީ ހިސާބުން ފެށިގެން ފުރަތަމަވެސް ހިޔާލަށް އައީ މަސައްކަތްކޮށްފި ކަމަށް ވަންޏާ ފުރުސަތު އެބައޮތޭ ވޯލްޑް ކަޕަށްވެސް ދިއުމުގެ. އެހިސާބުން ސީރިއަސްވީ." ސައީދު އިތުރަށް ބުނެފައިވެ އެވެ.

2002ގެ ވޯލްޑް ކަޕްގެ ފަހުން 2006 ވަނަ އަހަރު ޖަރުމަނުގައި އޮތް ވޯލްޑް ކަޕުން ފުރުސަތު ލިބުމާ ވަރަށް ގާތަށްވެސް ސައީދު ދިޔަ އެވެ. އެކަމަކު ޖަޕާނާއި، ދެކުނު ކޮރެއާގައި މީގެ 20 އަހަރު ކުރިން ބޭއްވި ވޯލްޑް ކަޕަށް ފަހު މުބާރާތަށް ރެފްރީން ހޮވަމުން އައީ ގްރޫޕްކޮށްގެން ކަމަށް ވާތީ ސައީދަށް ޖެހިގެން އައި ވޯލްޑް ކަޕުން ޖާގަ ނުލިބުނީ އެފަހަރު އޭނާ ހިމެނުނު ގްރޫޕަށް އެންމެ ފަހު ވަގުތު ފުރުސަތު ގެއްލުމުންނެވެ. 2006ގެ ވޯލްޑް ކަޕަށް ހޮވުނު ރެފްރީންގެ ގްރޫޕްތަކުގެ ތެރެއިން ސައީދު ހިމެނުނު ގުރޫޕްގައި ދެން ތިބީ މެލޭޝިއާގެ ދެ މީހުންނެވެ. މުބާރާތަށް އޭޝިއާއިން ނޮމިނޭޓްވި ހަތް ގްރޫޕްގެ ތެރެއިން މުބާރާތަށް ނެގީ ހަތަރު ގްރޫޕެވެ.

ވޯލްޑް ކަޕްގައި ސައީދު އިންސާފުކުރި ފަހުން 20 އަހަރު ވެގެންދިޔައިރުވެސް އިތުރު ދިވެއްސަކަށް އެ ފުރުސަތު މިއޮތީ ނުލިބި އެވެ. ލިބޭނެކަމުގެ ކޮޅުމަތިވެސް ފެންނަން އަދި ނެތްކަމަށް ދަންނަވަން ކެރިދާނެ އެވެ. ސައީދު ގަބޫލުކުރާ ގޮތުގައި އެކަން އެގޮތަށް އޮތުމުގެ ފަހަތުގައި ވަރަށް ބައިވަރު ސަބަބުތައް އެބަހުއްޓެވެ.

"ކޮންމެ ކަމެއްގައިވެސް މަސައްކަތެއްކޮށްގެން ކާމިޔާބަށް މިދެވެނީ. އެ އުސޫލުން މިހާރު ވާގޮތަކީ، ދިރިއުޅުމުގެ ވައްޓަފާޅިއާ، ފެންވަރާ، ޚަރަދުތަކާ، މި ހުރިހާ ކަމަކަށް އައި ބަދަލަށް ބަލާއިރު މި މަސައްކަތުގައި ރަގަޅު ހިސާބަކަށް ދާން ބޭނުންވާ ވަގުތެއް އެއްވެސް މީހަކަށް މިހާރު ނުލިބޭ." ސަޢީދުގެ ނަޒަރުގައި ދިވެހި ރެފްރީންނަށް ކުރިއަށްދިއުމުގައި މިވަގުތު ހުރި ގޮންޖެހުންތައް "އަވަސް" އާ ހިއްސާކުރަމުން ބުންޏެވެ.

"އޭގެ އިތުރަށް ފުޓްބޯޅައާ ބެހޭ އިދާރާތަކުންވެސް ކޮށްދޭންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް މިހާރަކު ނުކުރެވޭ. އޭރުވެސް މާގިނަ މަސައްކަތްތަކެއް ކުރި ވާހަކައެއް ނޫން މި ބުނަނީ. މިކަހަލަ ވަރަށް ގިނަ ކަންތައްތަކެއް ހުރެގެން މިހާރު އެފުރުސަތު ނުލިބެނީ." ސަޢީދު އިތުރަށް ފާހަގަކުރި އެވެ.
ކޮންމެއަކަސް ސަޢީދުގެ ވާހަކައަކީ ކޮންމެ ވޯލްޑް ކަޕް މޫސުމެއްގައިވެސް ދިވެހިން ދައްކާނެ ވާހަކަ އެކެވެ. ޒަމާންތަކެއް ވަންދެން އެކަން އެގޮތުގައި ދެމި އޮންނާނެކަން ޔަގީނެވެ. ވޯލްޑް ކަޕާ ގުޅުވައިގެން ދިވެހިންނަށް ފަހުރުވެރިކަމާއެކު ބުނެލެވޭނެ ހަމައެކަނި ވާހަކައަކީ އެއީ އެވެ.