ކުޅިވަރު

ބޭލް: ބަތަލެއްގެ ގޮތުގައި މުޅިން އާ ޗެލެންޖަކަށް

  • ގަރެތު ބޭލް (33 އަހަރު)
  • މިހާރު ކުޅެނީ އެމެރިކާ ލީގުގެ ލޮސް އެންޖެލެސް އެފްސީ


ވޭލްސް ފުޓްބޯޅައިގެ ތާރީހުގައި 64 އަހަރަށް ފަހު ވޯލްޑް ކަޕުން ފުރުސަތު ލިބުނީ ޕްލޭއޮފްގައި ބޭލް ޔޫކްރޭން ކޮޅަށް ވައްދާލި ލަނޑުންނެވެ. ބޭލް އަކީ އެގައުމުގެ ހިތެވެ. ގައުމީ ޓީމަށް ބޭލް ކޮށްދީފައިވާ ހިދުމަތާ އެކު އެނާ އަކީ މިހާރު ވެސް އެގައުމުގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ.

ބޭލް ގައުމީ ޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރު އުމުރުން އެންމެ 16 އަހަރުގަ އެވެ. 108 މެޗުގައި ބޭލް ޖެހި 40 ގޯލަކީ އެގައުމުގެ ރެކޯޑެކެވެ. ވޭލްސް އަކީ ބައިނަލްއަގްވާމީ ތައްޓަށް ވާދަކުރެވޭވަރުގެ ޓީމަކަށް ނުވި ނަމަވެސް 2016 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބޮޑެތި ޓީމުތައް ސިއްސުވާލުމަށް ފަހު ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު ބޭލް މޮޅު ކުޅުމެއް ދެއްކި އެވެ.

ވޯލްޑް ކޮލިފައިންގައި ވޭލްސް ކުޅުނު އަށް މެޗުގެ ތެރެއިން އަނިޔާގެ ސަބަބުން ތިން މެޗުގައި ބޭލް އަށް ނުކުޅެވުނެވެ. ކޮލިފައިންގައި ބޭލް ވަނީ ބެލަރޫސް ކޮޅަށް ހެޓްރިކް ހަދައިފަ އެވެ. ބޭލްގެ ފަހު ތިން ގޯލު ކޮލިފައިންގައި ފެނުނީ ޕްލޭއޮފްގަ އެވެ. ޕްލޭއޮފް ސެމީ ފައިނަލުގައި އޮސްޓްރިއާ އަތުން 1-2 އިން ވޭލްސް މޮޅުވީ ބޭލްގެ ދެ ގޯލުންނެވެ. އޭގެފަހުން ޕްލޭއޮފް ފައިނަލުގައި ހިލޭ ޖެހުމަކުން ގޯލު ޖަހައި ބޭލް ވަނީ ވޭލްސް ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފަ އެވެ.

ކެރިއަރުގެ ފަހުކޮޅު ފުރަތަމަ ވޯލްޑް ކަޕާ ކުރިމަތިލާއިރު މިއީ ބައިނަލްއަގްވާމީ ސްޓޭޖުގައި ވިދާލަން ބޭލް އަށް ލިބޭ އިތުރު ފުރުސަތެކެވެ. މިކަމަށް ބޭލް އަށް ލިބޭ ހިތްވަރަކީ މިހާރު އެމެރިކާގެ ލޮސް އެންޖެލެސް ޓީމުގައި ކުޅުމުގެ ފުރުސަތު ލިބި މުބާރާތުގެ ކުރިން ރަނގަޅު ފޯމެއްގައި ހުރުމެވެ.

2006 ވަނަ އަހަރު އިނގިރޭސި ކްލަބް ސައުތެމްޓަނުން ސީނިއާ ކެރިއަރު ފެށި ބޭލް އޭގެ އަހަރެއް ފަހުން ބަދަލުވީ ޓޮޓެންހަމް ހޮޓްސްޕާސް އަށެވެ. ޓޮޓެންހަމްގައި ބޭލް ދެއްކި މޮޅު ކުޅުމާ އެކު ދުނިޔޭގެ އެންމެ ބޮޑު ކްލަބް ރެއާލް މެޑްރިޑުން އޭނާގެ ސޮއި ހޯދި އެވެ. އޭގެފަހުން އެއް ސީޒަނުގައި ލޯނު އުސޫލުން ޓޮޓެންހަމަށް ކުޅުމަށް ފަހު މިއަހަރު އެމެރިކާ ލީގަށް ބަދަލުވީ އެވެ.

ބޭލްވަނީ ރެއާލް މެޑްރިޑާ އެކު ފަސް ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ފަސް ފައިނަލުގެ ތެރެއިން ދެ ފައިނަލުގައި ބޭލް ލަނޑު ޖެހި އެވެ. މީގެ އިތުރުން އެ ކްލަބާ އެކު ސްޕެނިޝް ލީގު ތިން ފަހަރު ބޭލް ކާމިޔާބުކުރި އެވެ. ބޭލް ވަނީ 13-2012 ވަނަ ސީޒަނުގައި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ ހޯދާފަ އެވެ. ރެއާލް މެޑްރިޑުން 2018 ވަނަ އަހަރު ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ބޭލް ހޯދި އެވެ. ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ބޭލް ވަނީ ހަ ފަހަރު ހޯދާފަ އެވެ.