ނަން: ފިލް ފޯޑެން އުފަންތާރީހް: 28 މެއި 2000 (22 އަހަރު) ގައުމު: އިންގްލެންޑް ކްލަބް: މެންޗެސްޓަރ ސިޓީ މަގާމް: މިޑްފީލްޑަރ
ފޯޑެން އަކީ މިހާރު އިންގްލެންޑް ޓީމުގައި ހުރި އެންމެ ވިދުންގަދަ ތަރި އެވެ. މެންޗެސްޓާ ސިޓީގައި ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު ފޯޑެން އަކީ އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓުގެ ވެސް ފޭވަރިޓެކެވެ. މިދިޔަ އަހަރު ޔޫރޯގެ ދެވަނަ ހޯދިއިރު އިންގްލެންޑް ކުޅުނު ހަތް މެޗުގެ ތެރެއިން ފޯޑެން އަށް ފުރުސަތު ލިބުނީ ތިން މެޗުންނެވެ. އެކަމަކު އޭގެފަހުން މިއަހަރު އިންގްލެންޑް ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުގައި ފޯޑެން ކުޅުނެވެ. އެއް ފެންވަރެއްގެ ގިނަ ކުޅުންތެރިންތަކެއް އިންގްލެންޑް ޓީމުގައި ހިމެނުނަސް ފޯޑެން މިހާރު ދައްކަމުންދާ ކުޅުމަށް ބަލާއިރު އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ވަރަށް ހާއްސަވާނެކަމަށް ބެލެވެ އެވެ.
ޔޫތު ކެރިއަރު ސިޓީގައި ހޭދަކުރުމަށް ފަހު ފޯޑެން ސިޓީގެ ސީނިއާ ޓީމުން ފުރުސަތު ހޯދީ 2017 ވަނަ އަހަރު އެވެ. ކުރިއެރުން ހޯދަމުން އައިސް ފޯޑެންގެ އެންމެ މޮޅު ކުޅުން ފެންނަނީ މި ސީޒަނުގަ އެވެ. ސިޓީގައި ގިނަ ގޯލުތަކެއް ޖަހަމުން އަންނަ ފޯޑެން ވަނީ ލީގުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކް ހަދައިފަ އެވެ. ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ 14 މެޗުގައި ފޯޑެން ވަނީ ހަތް ގޯލު ޖަހާފަ އެވެ. ސީޒަނުގައި މިހާތަނަށް ކުޅުނު 20 މެޗުގައި އަށް ގޯލު ޖަހައި ތިން ގޯލު ޖަހަން ފޯޑެން ވަނީ އެހީތެރިވެދީފަ އެެވެ.
ފޯޑެން އަންނަނީ 2015 ވަނަ އަހަރުން ފެށިގެން އިންގްލެންޑުގެ ޒުވާން ޓީމުތަކަށް ކުޅެމުންނެވެ. އެންމެ ފުރަތަމަ ފެނުނީ 16 އަހަރުން ދަށުގެ ޓީމުންނެވެ. އޭގެފަހުން 21 އަހަރުން ދަށުގެ ޓީމުގައި ވެސް ފޯޑެން ހިމެނުނެވެ. ސީނިއާ ގައުމީ ޓީމުން ފޯޑެން ފުރުސަތު ހޯދީ އުމުރުން 20 އަހަރުގައި 2020 ވަނަ އަހަރު އެވެ، މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 18 މެޗުގައި ފޯޑެން ވަނީ ދެ ގޯލު ޖަހައިފަ އެވެ،
މިދިޔަ ދެއަހަރު ޕްރިމިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމާއި ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ހޮވާ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދީ ފޯޑެން އެވެ.