ނަން: ޖޫޑް ބެލިންހަމް އުފަންތާރީހް: 29 ޖޫން 2003 (19 އަހަރު) ގައުމު: އިންގްލެންޑް ކްލަބް: ބޮރޫޝިއާ ޑޯޓްމަންޑް މަގާމް: މިޑްފީލްޑަރ
ބާމިންހަމް ދޫކޮށް 2020 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވި ބެލިންހަމް އަކީ ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ފާރަލަމުން އަންނަ ކުޅުންތެރިއެކެވެ. އެންމެ 19 އަހަރުގައި ބެލިންހަމް އަންނަނީ ޑޯޓްމަންޑުގެ ބައެއް މެޗުތަކުގައި ކެޕްޓަންކަން ވެސް ކުރަމުންނެވެ. ބެލިންހަމްއާ ގުޅޭގޮތުން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މިދިޔަ މަހު ބުނީ ބެލިންހަމް އަކީ ހުރިހާ ގޮތަކުން މޮޅު ކުޅުންތެރިއެއް ކަމަށާއި، ކުޅުމުގެ ފެންވަރުގެ އިތުރުން ބެލިންހަމްގެ ފަރާތުން ރަނގަޅު ލީޑަޝިޕެއް ވެސް ފެންނަ ކަމަށެވެ.
ޑޯޓްމަންޑަށް ކުޅުނު 107 މެޗުގައި ބެލިންހަމް ވަނީ 18 ލަނޑު ޖަހައި 20 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. މި ސީޒަނުގެ ބުންޑަސްލީގާގައި ޑޯޓްމަންޑް ކުޅުނު ފުރަތަމަ 11 މެޗުގެ ހުރިހާ މިނެޓެއް ބެލިންހަމް ފުރިހަމަކުރި އެވެ. އަދި، 2020 ވަނަ އަހަރު އިންގްލެންޑުގެ ސީނިއާ ޓީމުން ފުރުސަތު ހޯދައި މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލިންހަމް ކުޅުނެވެ. ޔޫރޯގައި ބެލިންހަމް ކުޅުނީ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް މެޗުގެ އިތުރުން ކުއާޓާ ފައިނަލުގައި ޔޫކްރޭން މެޗުގަ އެވެ.
ބެލިންހަމް އަންނަނީ އިންގްލެންޑުގެ 15 އަހަރުން ދަށުގެ ޓީމުން ފެށިގެން ގައުމު ތަމްސީލު ކުރަމުންނެވެ. 2016 ވަނަ އަހަރު 15 އަހަރުން ދަށުގެ ޓީމަށް ކުޅެން ފަށައި 2020 ވަނަ އަހަރު ސީނިއާ ޓީމުން ފުރުސަތު ލިބުމާ ހަމައަށް ބެލިންހަމް ވަނީ ޒުވާން ޓީމުތަކަށް ކުޅެފަ އެވެ، ބެލިންހަމް ގައުމީ ޓީމުން ފުރުސަތު ހޯދީ އެންމެ 17 އަހަރުގަ އެވެ.
ބެލިންހަމް އަކީ މިހާރު އިންގްލެންޑް ޓީމުގެ ފުރަތަމަ އެގާރައިގެ ޖާގަ ކަށަވަރުކޮށްފައިވާ ކުޅުންތެރިއެކެވެ. ޔޫއެފާ ނޭޝަންސް ލީގުގައި މިއަހަރު ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުގައި ފުރަތަމަ އެގާރައިގައި ބެލިންހަމް ހިމަނާފައިވެ އެވެ.
ސީޒަނުގައި މިހާތަނަށް ކުޅުނު 22 މެޗުގައި ބެލިންހަމް ވަނީ ނުވަ ގޯލު ޖަހައި ތިން ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. ވޯލްޑް ކަޕަށް ނުކުންނައިރު ބެލިންހަމް މިހާރު ހުރީ ކެރިއަރުގެ އެންމެ ރަނގަޅު ފޯމުގަ އެވެ.