ކުޅިވަރު

މާނޭ: ފަގީރުކަމާއި، ދަތިތައް ގިރާކޮށް އެފްރިކާގެ ފަޚުރަކަށް

ނަން: ސަޑިނޯ މާނޭ އުފަންތާރީހް: 10 އޭޕްރީލް 1992 (30 އަހަރު) ގައުމު: ސެނެގޯލް ކްލަބް: ބަޔާން މިއުނިކް މަގާމް: ވިންގަރ/ފޯވާޑް

ހިތްތިރި، މަޑުމައިތިރި، އިސްލާމް ދީނުގެ ހަމަތަކުގައި ހިފަހައްޓަމުން އަންނަ ސަޑިއޯ މާނޭ އަކީ ދަނޑާއި ދަނޑު ބޭރުގައި ނަމޫނާ ކުޅުންތެރިއެކެވެ. ފަގީރު އާއިލާއަކަށް އުފަން، ދިރިއުޅުމުގައި ހިތި އެތައް ތަޖުރިބާއެއް ކުރުމަށް ފަހު މާނޭ އަކީ މިއަދު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ.

ސެނެގޯލްގެ ބަމްބާލީގެ ފަގީރު އާއިލާއަކަށް ނިސްބަތްވި މާނޭގެ ހުވަފެނަކީ އަބަދުވެސް މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމެވެ. އެކަމަކު އެ ހުވަފެންތަކަށް ހުރަސް އެޅުނީ އޭރު މިސްކިތުގެ އިމާމެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މާނޭގެ ބައްޕަ އެކަމަށް ނުރުހުމުންނެވެ. އުނދަގޫ ހާލަތުގައި ދިރިއުޅެމުން ދަނިކޮށް މާނޭގެ އުމުރުން ހަތް އަހަރުގައި ބައްޕަ ނިޔާވި އެވެ. އެއަށް ފަހު އުމުރުން 15 އަހަރުގައި މާނޭ ވަނީ އާއިލާއާ އެކު ސެނެގޯލްގެ ވެރިރަށަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. ސެނެގޯލްގައި ފުޓްބޯޅަ ކުޅެން ފަށައި 2009 ވަނަ އަހަރު އޭނާ އަށް ފުރަތަމަ ފަހަރަށް ކްލަބަކުން ފުރުސަތު ލިބުނެވެ. ޖެނެރޭޝަން ފުޓް ކްލަބުގައި ކުޅެން ފަށައި މާނޭ ވަނީ އެ ކްލަބް ދެވަނަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މާނޭ އަށް ދެން ފުރުސަތު ލިބުނީ ފްރާންސްގެ ލީގު ދޭއްގައި އޭރު ކުޅުނު މެޓްޒް އިންނެވެ. 2011 ވަނަ އަހަރު މާނޭ ގުޅުނު މެޓްޒް އަކީ އޭނާގެ ފުރަތަމަ ކްލަބާ ޕާޓްނާޝިޕް އޮތް ކްލަބެކެވެ. އެ ކްލަބް ދޫކޮށް މާނޭ 2012 ވަނަ އަހަރު ގުޅުނީ އޮސްޓްރިއާގެ ރެޑް ބުލް ސާލްޒްބާގްއާ އެވެ. އެޓީމުގައި މާނޭގެ ކުޅުން ފާހަގަކުރެވި 2014 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ސައުތެމްޓަން އިން މާނޭގެ ސޮއި ހޯދި އެވެ. ސައުތެމްޓަންގައި މޮޅު ކުޅުމެއް ދެއްކުމުން މާނޭ އަށް ދެން ފުރުސަތު ލިބުނީ އެނާގެ ކެރިއަރު އެހެން މިސްރާބަކަށް ގެންދިޔަ ލިވަޕޫލުންނެވެ. ޔާގެން ކްލޮޕްގެ ކޯޗުކަމުގައި މާނޭ ފެނުނީ ތަފާތު މޮޅު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ލިވަޕޫލާ އެކު ހުރިހާ ކާމިޔާބީއެއް ހޯދިއިރު މާނޭ އަކީ ކްލަބް ސަޕޯޓަރުންގެ އެންމެ ފޭވަރިޓް އެއް ކުޅުންތެރިޔާ އެވެ. 2016 އިން 2022 އަށް ލިވަޕޫލަށް ކުޅުމަށް ފަހު ކެރިއަރުގައި އެހެން ތަޖުރިބާއެއް ކުރުމަށް މިއަހަރު މާނޭ ބަދަލުވީ ބަޔާން މިއުނިކަށެވެ.

ފުޓްބޯޅައިގައި މާނޭ އަކީ އެގައުމުގެ ރައްޔިތުންގެ ހިތެވެ. 2012 ވަނަ އަހަރު ސެނެގޯލްގެ ޒުވާން ގައުމީ ޓީމުގައި ހިމެނި ހަމަ އެ އަހަރު މާނޭ ސީނިއާ ޓީމުން ފުރުސަތު ހޯދި އެވެ. އެގައުމަށް ކުޅެދިން 93 މެޗުގައި މާނޭ ޖެހި 34 ގޯލަކީ ގައުމީ ރެކޯޑެކެވެ. ގައުމީ ޓީމާ އެކު މާނޭ ވަނީ އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތަށި މިއަހަރު ކާމިޔާބުކޮށްފަ އެވެ. އޭގެފަހުން މިފަހަރުގެ ވޯލްޑް ކަޕަށް ސެނެގޯލް ކޮލިފައިވިއިރު މާނޭގެ ދައުރު ބޮޑެވެ.

ފުޓްބޯޅައިގެ އެންމެ އުހަށް އެރި ދަތުރުގައި މާނޭ ވަނީ އަމިއްލަ ކާމިޔާބީތައް ވެސް ހޯދައިފަ އެވެ. މާނޭ އަކީ މިއަހަރު ހޮވި ބެލޮންޑިއޯ އެވޯޑުގެ ދެވަނަ ކުޅުންތެރިޔާ އެވެ. އިނގިރޭސި ޕްރިމިއާ ލީގު ރަން ބޫޓޫ 19-2018 ވަނަ ސީޒަނުގައި ހޯދައި އެފްރިކާގެ އެންމެ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 2019 އަދި މިއަހަރު ހޯދި އެވެ. އެފްރިކާގެ ޗެމްޕިއަންކަން ސެނެގޯލުން ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ މާނޭ އެވެ.

ދުނިޔޭގެ މަޝްހޫރު ނަމަކަށް މާނޭ ބަދަލުވިޔަސް އޭނާއަކީ އަބަދުވެސް އުފަން ވިލެޖުގެ ރައްޔިތުންނަށް ހިދުމަތްކޮށްދޭ ކުޅުންތެރިއެކެވެ. ޗުއްޓީއެއް ލިބުމުން ކުރިން އުޅުނު ވަޒަނަށް ގޮސް މާނޭ އަބަދުވެސް ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވަ އެވެ. މީގެ އިތުރުން ރައްޔިތުންނަށް ކޮށްދޭ ހިދުމަތުގެ ގޮތުން އަމިއްލަ ފައިސާއިން މާނޭ ވަނީ ސްކޫލަކާއި ހޮސްޕިޓަލެއް ގާއިމްކޮށްފަ އެވެ.

2019 ވަނަ އަހަރު ގާއިމްކުރި ސްކޫލަށް މާނޭ ތިންލައްކަ ނަވާރަ ހާސް ޑޮލަރު ހަރަދުކުރި އެވެ. އަދި މިދިޔަ އަހަރު މާނޭ ފަންޑުކުރި ހޮސްޕިޓަލުގެ އަގަކީ ހަލައްކަ އައްޑިހަ ހަތަރު ހާސް ޑޮލަރެވެ. ސްކޫލާއި ހޮސްޕިޓަލް ވެސް މާނޭ ހަދިޔާކުރީ 15 އަހަރު ވަންދެން އޭނާ ދިރިއުޅުނު ސެނެގޯލްގެ ބަމްބާލީ ވިލެޖަށެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް މިރޭ ސެނެގޯލް ނުކުންނައިރު އަނިޔާގެ ސަބަބުން މާނޭ އަށް މިފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭނެ އެވެ. މާނޭ އަށް އަނިޔާވީ މި މަހުގެ އަށް ވަނަ ދުވަހު ބަޔާން މިއުނިކުން ޖަރުމަނު ލީގުގައި ވާޑަ ބްރެމެންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

އަނިޔާވި ނަމަވެސް ވޯލްޑް ކަޕަށް ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައި މާނޭ ހިމެނި އެވެ. އެކަމަކު ފަހުން ހެދި ޓެސްޓުތަކުން ޔަގީންވީ މާނޭ އަށް މިފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމެވެ. މާނޭ އަށް ވޯލްޑް ކަޕްގައި ނުކުޅެވުމަކީ ހަމައެކަނި އެގައުމުގެ ސަޕޯޓަރުންނަށް ލިބޭނެ ދެރައެއް ނޫނެވެ. އެއީ މުޅި ފުޓްބޯޅަ އަށް އޮތް ދެރައެކެވެ.