މާވެލް ސިނަމެޓިކް ޔުނިވާސްގައި "ތޯ"ގެ ރޯލް އަދާކުރަމުންދާ ކްރިސް ހެމްސްވޯތް އެކްޓްކުރުމުން ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.
ކްރިސްގެ މި ނިންމުން ބިނާކޮށްފައިވަނީ އޭނާގެ ޖެނެޓިކްސްގެ ސަބަބުން އަލްޒައިމާ ބަލި ވާރުތަކުރުމުގެ ފުރުސަތު އޮތްކަން ދެނެގަތުމަށްފަހު އެވެ. އެހެންކަމުން ބްރޭކެއް ނަގައި، އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް އެދޭކަމަށް ކްރިސް ބުންޏެވެ.
ޑިޒްނީ+ ގެ ޑޮކިއުސީރީޒް "ލިމިޓްލެސް" ޕްރޮމޯޓްކުރުމުގެ ގޮތުން ވެނިޓީ ފެއާ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ކްރިސް ބުނެފައިވަނީ މަރުވުމާ ގުޅޭ އެޕިސޯޑެއް ހެދުމަށްފަހު އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ މުހިއްމުކަން އޭނާއަށް އިހްސާސްވި ކަމަށެވެ.
މި ޝޯގެ ފަސްވަނަ އެޕިސޯޑްގައި ކްރިސް ޖެނެޓިކް ޓެސްޓްތަކެއް ހަދާތަން ދައްކައި، އޭނާގެ APOE4 ގެ ދެ ކޮޕީ ހުންނަ ކަމަށް ވަނީ ހާމަވެފައެވެ. މިއީ އަލްޒައިމާ ބަލި ޖެހުމަށް އެންމެ ގުޅުންހުރި ޖީން އެވެ.
ކްރިސް ބުނީ އިހްސާސް ނުވެ ހުއްޓާ ކުދިން ބޮޑެތިވެ އަމިއްލަ ގެއަކަށްވެސް ބަދަލުވެދާނެ ކަމަށެވެ. ދެން އެ މުހިއްމު ދުވަސްކޮޅު ގެއްލިއްޖެކަން ކުއްލިއަކަށް އިހްސާސް ވެދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބްރޭކެއް ނަގަން ބޭނުންވި ކަމަށާއި ބްރޭކެއް ނެގުމަށްޓަކައި "ލިމިޓްލެސް" އަށް ފަހު ކޮންޓްރެކްޓް ހަދާފައިވާ ޕްރޮޖެކްޓްތައް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް ކްރިސް ބުންޏެވެ.
ކްރިސްގެ އަންހެނުން މޮޑެލް އެލްސާ ޕަޓެކީއާ އެކެ 10 އަހަރުގެ އަންހެން ދަރިފުޅު އިންޑިއާ އަދި އަށް އަހަރުގެ ފްރެޓާނަލް ޓްވިންސް ޓްރިސްޓަން އާއި ސާޝާ ހުރެ އެވެ.
ކްރިސްގެ އެންމެ ފަހުން ރިލީޒްކޮށްފައިވަނީ "ތޯ: ލަވް އެންޑް ތަންޑާ" އެވެ.