ހއ. އަތޮޅު

ހއ. އަތޮޅު ކައުންސިލުން ހަތް ރަށަކަށް އެއްލައްކަ ރުފިޔާ ދެނީ

ރައްޔިތުންނަށް ފައިދާހުރި އިޖުތިމާއީ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށް ހަތް ރަށަކަށް މާލީ އެހީތެރިކަން ދިނުމަށް ހއ. އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ހއ. އަތޮޅު ކައުންސިލުން އިއްޔަ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އިޖުތިމާއީ ހަރަކާތް ހިންގަން ހަތް ރަށަކަށް އެއްލައްކަ ރުފިޔާ ދޭން ހަމަޖެހިފައިވާ ކަމަށެވެ. ފައިސާ ދޭން ހަމަޖެހިފައިވަނީ ރައްޔިތުންނަށް ފައިދާ ހުރި އިޖުތިމާއީ ޕްރޮގްރާމްތަކާއި، ތަފާތު ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތްތަކަށެވެ.

ފައިސާއަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނެ ފަރާތްތައް:

  • ހއ. އަތޮޅު ރަށްރަށުގެ ކައުންސިލްގެ އިދާރާތައް
  • ހއ. އަތޮޅު ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތައް
  • ހއ. އަތޮޅުގައި ހުރި ސަރުކާރުގެ މުވައްސަސާތައް
  • ހއ.އަތޮޅު ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލަބު ޖަމިއްޔާތައް

ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގު ވިދާޅުވީ ހަށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ދިރާސާކުރަން ހާއްސަ ކޮމިޓީއެއް އެކުލަވާލާނެ ކަމަށެވެ.

"ޕްރޮޕޯސަލްތަކުގެ ތެރެއިން އަޅުގަނޑުމުން ހޮވާނީ ރައްޔިތުންނަށް އޭގެއިން އެންމެ ފައިދާވާނެ ޕްރޮޕޯސަލްތައް. ޕްރޮޕޯސަލްތަކުގެ ތެރޭގައި ލޮލަށް ފެންނަ ހާސިލްވާނެ ފަދަ ކަންތައްތައް ހުންނަން ޖެހޭނީ. ކޮމިޓީން އެ މަސައްކަތް ކުރާނީ" ޝަފީގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފައިސާ ދޫކުރާނީ ކަމާ ގުޅޭ އެއްބަސްވުންތަކެއް ހެދުމަށްފަހު ކަމަށެވެ. އަދި މިމަސައްކަތް ކުރާނީ މާލިއްޔަތު ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.

"ޑައިރެކްޓްކޮށް އަތަކަށް ޕޭމަންޓެއް ނުދެވޭނެ. އެއްބަސްވުމެއް އެކުލަވާލާ ހެދިފައިވާ ގަވައިދުތަކެއްގެ މައްޗަށް ރުފިޔާ ރަށްތަކަށް ދޫކުރެވޭނީ،" ޝަފީގް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ކޮމެޓީއަށް އެންމެ ކަމުދާ ހަތް ޕްރޮޕޯސަލެއް ވަރަށް އަވަހަށް ކަނޑައަޅާނެ އެ ބަޔަކު ކުރަން ބޭނުންވާ ކަމަކަށް އޮންނަ އުސޫލުން ފައިސާ ދޫކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.