ކާރިސާތަކާ ގުޅިގެން އަމަލުކުރަންޖެހޭ ގޮތުގެ ޕްލޭނެއް އަވަހަށް އެކުލަވާލާ ތަންފީޒު ކުރުމަށް ހއ. އަތޮޅު ކައުންސިލުން ގޮވާލައިފި އެވެ.
ހއ. އަތޮޅު ކައުންސިލުން މިކަމަށް ގޮވާލާފައި މިވަނީ މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި އެ އަތޮޅުގެ 14 ރަށަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި ކަމާ ގުޅޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ވަގުތެއްގައެވެ.
ފާއިތުވި ދެ ދުވަހު މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި 20 ރަށަކަށް ގެއްލުންވިއިރު މީގެތެރޭގައި ހއ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ކަމަށް
ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ވެސް އޮތީ ބުނެފަ އެވެ.
އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގު ވިދާޅުވީ ކާރިސާތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޑިޒާސްޓާ މެނޭޖުމަންޓް ޕްލޭނެއް ހެދުމަކީ ގާނޫނީ ގޮތުން ކައުންސިލްތަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އަދި އެފަދަ ޕްލޭނެއްގެ މަސައްކަތް ހއ. އަތޮޅުގެ އެއްވެސް ކައުންސިލަކަށް އެކަށީގެންވާ ގޮތެއްގައި އަދި ކުރެވިފައި ނެތް ކަމަށް ވިދާޅުވި އެވެ.
"ޓެކްނިކަލް ގޮތުން ކުރަންޖެހޭ ބައެއް ކަންކަމުގެ ދަތިތައް ކުރިމަތިވި ކަމުގައިވިޔަސް އަތޮޅު ކައުންސިލްގެ ފަރާތުން ދޭން ޖެހޭ އެހީތެރިކަން ރަށްތަކަށް ދެމުންދާނެ،" ޝަފީގު ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ ދިރިއުޅުމަށް ކޮޮންމެ މީހަކުވެސް ބޮޑު ހަރަދެއް ކޮށްގެން ގޯތިގެދޮރު ހަދާއިރު ވާރޭވެހި ފެންބޮޑުވުމުން މުދަލާއި ތަކެއްޗަށް ލިބޭ ގެއްްލުމަކީ އަންދާޒާ ކޮށްލަންވެސް ނޭނގޭ ބޮޑެތި ގެއްލުން ކަމަށެވެ. ފާއިތުވި ދެ ދުވަހު ހއ. އަތޮޅަށް ކުރި ވިއްސާރައިގައި އެ އަތޮޅު 14 ރަށުގެ ތެރެއިން ތިން ރަށެއްގެ ނަރުދަމާ ނިޒާމުގައި މައްސަލަތަކެއް ކުރިމަތިވެ ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިންނާއި ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަށް ގުޅިގެން ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
"ފެން ބޮޑުވި ހުރިހާ ރަށެއްގެ ގިނަ ގެތަކަކަށް ވަނީ ގެއްލުންވެފައި. ބާރަށުން ހަތަރު އާއިލާއަކަށް ވަނީ ބޯހިޔާވަހިކަން ދީފައި. މާރަންދޫއިން ރުކެއް ވެއްޓި ގެއެއް ވަނީ ހަލާކުވެފައި،" ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ލިބިފައިވާ ގެއްލުންތައް ހިއްސާކުރައްވަމުން ޝަފީގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހއ. އަތޮޅުގެ ރަށްތަކަށް މިއަދުވެސް މޫސުން ގޯސް ކަމަށާއި އެހެންވެ މިހާރު ކުރަމުންދާ ވިއްސާރައިގައި ރަށްތަކަށް ލިބުނު މާލީ ގެއްލުންތަކުގެ ތަފްސީލް އެނގޭނީ މޫސުން އަލިވެ އެކަންކަން ބެލުމުން ކަމަށެވެ.
ޝަފީގު އިތުރަށް ވިދާޅުވީ ހއ. އަތޮޅުގެ ރަށްތަކަށް ކާރިސާތަކުން ގެއްލުން ލިބުމުން އެހީވުމަށް އަތޮޅު ކައުންސިލުން ބޭނުންވި ނަމަވެސް އެކަށީގެންވާ ބަޖެޓެއް އެކަމަށް ނެތުމުން އެހީވުމަށް ކައުންސިލްތަކަށް ދަތިތަކެއް އެބަހުރި ކަމަށެވެ. އެކަމަކު ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި ކަމާ ގުޅޭ އިދާރާތަކުން މިވަގުތުވެސް ކޮންމެހެން ލިބެންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް މޫސާ ޝަފީގު ވަނީ މައުލޫމާތު ދެއްވާފަ އެވެ.