ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

ފެން ބޮޑުވުމާ ގުޅިގެން އުތުރުގެ އަށް ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފި

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި އަށް ރަށަކުން ފެންބޮޑުވެގެން އެހީތެރިކަމަށް އެދިއްޖެ އެވެ.

ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އެ އިދާރާގެ އެހީތެރިކަމަށް އެދިފައިވަނީ ހދ. ފިނޭ، ހއ. މުރައިދޫ، ތަކަންދޫ، ހޯރަފުށި، ކެލާ، ތުރާކުނު، ދިއްދޫ އަދި އުތީމުން ކަމަށެވެ.

އެހީތެރިކަން އެދުނު ރަށްތަކަށް ސިފައިން ފޮނުވައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ އެންޑީއެމްއޭ އިން ބުނެ އެވެ.

"އެއްފަހަރާ ގިނަ ރަށްތަކެއްގައި ފެން ބޮޑުވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެންނަށް ވެސް ތަފާތު ދަތިތައް އެބަހުރި ވަސީލަތްތައް ހުރި ގޮތުން،" އެންޑީއެމްއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެމްޑީއެމްއޭ އިން ބުނީ ފެން ބޮޑުވި ރަށްތަކަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލް މައުލޫމާތު އެނގޭނީ ކައުންސިލްތަކުން އެ މައުލޫމާތުތައް ފޮނުވުމުން ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެ އެވެ.