ފިނިޕޭޖް

ބިއުޓީ އެންޑް ދަ ބީސްޓް: 30 އަހަރު ކުލަގަދަކޮށް ފާހަގަކުރަނީ

ޑިޒްނީގެ "ބިއުޓީ އެންޑް ދަ ބީސްޓް" ކާޓޫނު ރިލީޒްކުރިތާ 30 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ނިންމައިފި އެވެ.

މި ކާޓޫން ވަނީ އެކަޑަމީ އެވޯޑްސްގެ "ބެސްޓް ޕިކްޗާ" އަށް ނޮމިނޭޓްވެފަ އެވެ. މީގެ ކުރިން ޑިޒްނީއަށާއި އެނިމޭޓެޑް ފިލްމަކަށް މި ޝަރަފް ލިބިފައެއް ނުވެ އެވެ.

މި ފިލްމްގެ މިއުޒިކަށް އެލަން މެންކެން އަށް ވަނީ "ބެސްޓް އޮރިޖިނަލް ސްކޯ" އަދި "ބިއުޓީ އެންޑް ދަ ބީސްޓް" ލަވައަށް "ބެސްޓް އޮރިޖިނަލް ސޯންގ" އެކަޑަމީ އެވޯޑް ލިބިފަ އެވެ.

މި ލަވަ ފިލްމުގައި އެންޖެލާ (މިސިޒް ޕޮޓްސް) ކިޔާފައިވާއިރު މީގެ ސައުންޓްޓްރެކް ކިޔާފައިވަނީ ސެލީން ޑިއަން އާއި ޕިއަބޯ ބްރައިސަން އެވެ.

"ބިއުޓީ އެންޑް ދަ ބީސްޓް" އަށް އެނިމޭޓެޑް ފިލްމަކަށާއި މިއުޒިކަލްއަކަށް ހެދުމުގެ އިތުރުން މި ފެއަރީ ޓޭލް ވަނީ އެމާ ވޮޓްސަން، ޑޭން ސްޓީވަންސް، ލޫކް އެވަންސް، އެމާ ތޮމްޕްސަން، އެވަން މެކްގްރެގާ، ސްޓޭންލީ ޓޫޗީ ފަދަ ތަރިންނާއެކު 2017 ގައި ލައިވް-އެކްޝަން ފިލްމަކަށްވެސް ހަދާފަ އެވެ.

މި ފިލްމްގައި "ބިއުޓީ އެންޑް ދަ ބީސްޓް"ގެ ސައުންޑްޓްރެކް ކިޔާފައިވަނީ ޖޯން ލެޖެންޑާއި އާރިއާނާ ގްރާންޑޭ އެވެ.

މި ފިލްމު ވަނީ ބޮކްސް އޮފީހުގައި 1.2 ބިލިއަން ޑޮލަރު ހޯދައި 2017 ވަނަ އަހަރު ދެވަނައަށް އެންމެ ކާމިޔާބު ފިލްމަށް ވެފަ އެވެ. މީގެ އިތުރުން މި ފިލްމު ވަނީ ދެ އެކަޑަމީ އެވޯޑް ނޮމިނޭޝަން ހޯދާފަ އެވެ.

އަންނަ މަހު 15 ވަނަ ދުވަހު ދައްކާ މި ސްޕެޝަލްގައި މީގެ ކުރިން ނުފެންނަ މިއުޒިކަލް ޕަފޯމަންސްތަކާއި އާ ސެޓްތަކާއި ކޮސްޓިއުމް ފެނިގެންދާނެ އެވެ. މި ސްޕެޝަލް ޕާފޯމްކުރާނީ ޑިޒްނީ ސްޓޫޑިއޯގެ ލައިވް އޯޑިއަންސް އަކަށެވެ.

މި ސްޕެޝަލްގައި ބީސްޓްގެ ރޯލް އަދާކުރަނީ ގްރެމީ ނޮމިނޭޓްވެފައިވާ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ޖޯޝް ގްރޯބަން އެވެ. އަދި ބެލްގެ ރޯލް އަދާކުރަނީ ލަވަ ލިޔެ ކިޔާ ހަރ އެވެ. ހަރ އަކީ އެކަޑަމީ، ގޯލްޑަން ގްލޯބް އަދި ގްރެމީ ހާސިލްކޮށްފައިވާ ހުނަރުވެރި ތަރި އެކެވެ.

މީގެ އިތުރުން މި ފިލްމުގައި ރީޓާ މޮރޭނޯ (ނެރޭޓާ)، ޖޯޝުއާ ހެންރީ (ގޭސްޓަން)، މާޓިން ޝޯޓް (ލުމިއެއަ)، ޑޭވިޑް އެލަން ގްރިއާ (ކޮގްސްވޯތް) އަދި ޝެނާޔާ ޓްވޭން (މިސިޒް ޕޮޓްސް) ފަދަ ލަވަކިޔުންތެރިންނާއި އެކްޓަރުން ހިމެނެ އެވެ.