ފައިސަލް ނަސީމް

ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ވިސާގެ ލުއި ދޭން އެދިވަޑައިގެންފި

ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާތަކަށް ވިސާގެ ލުއިތައް ދިނުމަށް ނައިބް ރައީސް ފައިސަލް ނަސީމު އެދިވަޑައިގެންފި އެވެ.

ނައިބް ރައީސް މިކަމަށް އެދިވަޑައިގަތީ އެމަނިކުފާނުގެ އަރިހަށް ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވައި ސަފީރު އާދަމް މަޒްރަވީ ޖައުފަރު ސާދިގު މިއަދު ކުރެއްވި ޒިޔާރަތުގައި ކުރެއްވި މަޝްވަރާތަކުގަ އެެވެ.

މި ބައްދަލުވުމުގައި ނައިބް ރައީސާއި ލަންކާގެ ސަފީރު ވަނީ އިގުތިސާދާއި ވިޔަފާރީގެ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

މިގޮތުން މަސްވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެއް ގައުމުން އަނެއް ގައުމަށް އެހީވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ފަންނީ ދާއިރާތަކުން މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާ ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން ނައިބް ރައީސް ވަނީ ލަންކާއާއި ރާއްޖެއާއި ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުން ފާހަގަކުރައްވާ، ލަންކާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

ދިވެހިރާއްޖެ އާއި ސްރީލަންކާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1965 ގައެވެ.