މޯލްޑިވްސް ކަސްޓަމްސް ސާވިސް

459 ގްރާމްގެ ޑްރަގްސް އަތުލައިގެންފި

ކޫރިއަ މެދުވެރިކޮށް ރާއްޖެ އެތެރެކުރި 459 ގްރާމުގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އެ ތަކެތި އަތުލައިގަތީ ކޫރިއަ މެދުވެރިކޮށް އެމެރިކާއިން ރާއްޖެ ގެނައި ޕާރުސަލެއް ބަލައި ފާސް ކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

ވައިގެ މަގުން އެ ޕާރުސަލް ރާއްޖެ އެތެރެކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ޕާރުސަލްގައި ހުރި ތަކެތި ތަހުލީލު ކުރިއިރު ކެނެބިސް - ހާބަލް އަށް އެ ތަކެތި ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 459 ގްރާމް ހުރިއިރު މި ތަކެތީގެ މަގުމަތީ އަގު 367،000 ރުފިޔާއަށް އަރަ އެވެ. މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ފަސް ވަނަ ފަހަރެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މިއަހަރުގެ މިހާތަނަށް ޖުމްލަ 19.44 ކިލޯގެ ކެނެބިސް - ހާބަލް ވަނީ އަތުލައިގަނެފަ އެވެ.

ކަސްޓަމްސް އިން އަތުލައިގެން މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.